އިންޑިއާގެ ވެރިރަށް ދިއްލީގައި ފެންބޮޑުވެ ބޯފެނަށް ޖެހިއްޖެއެވެ.

ވޭތުވެދިޔަ 24 އަހަރު އިންޑިއާގައި ފެންބޮޑު ނުވާވަރަށް، މިހާރު އެ ގައުމަށް ކުރަމުންދާ ވިއްސާރައިގައި ވަނީ ފެންބޮޑުވެފައެވެ.

އިންޑިއާގެ ކަމާބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ދިއްލީގައި އޮންނަ ޔަމުނާ ކޯރު ފުރި ބަންޑުންވެ ދިއްލީގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި، ދިއްލީއަށް ބޯފެން ފޯރުކޮށްދޭ ތިން ޓްރީޓްމަންޓް ޕްލާންޓުވެސް، ފެން ބޮޑުވުމުގެ ސަބަބުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި ކަމުގެ ސަބަބުން އެ ސިޓީއަށް ބޯފެން ފޯރުކޮށްދިނުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރައްވައެވެ.

ދިއްލީގެ ބިން ތިރި ސަރަހައްދުތަކުގެ ބޮޑު އާބާދީއެއް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު އެ ސިޓީގައި ވަނީ ކާރިސާ އިއުލާންކޮށްފައެވެ.

އިންޑިއާގެ އުތުރު ސަރަހައްދުތަކަށް ވަނީ ރެކޯޑް މިންވަރަކަށް ވާރޭ ވެހިފައެވެ. އެ ގޮތުން ޕަންޖާބާއި ހިމާޝަލް ޕްރަދޭޝް އަށް ވަނީ މީގެ ކުރިން ނުވެހޭ މިންވަރަށް ވާރޭވެހިފައި ކަމަށް މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.