ދުނިޔޭގެ އެކި ގައުމުތަކުގައި ގުރުއާނުގެ މުސްހަފު އަންދަމުންދާތީ ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން އެކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން (އޯއައިސީ) މިހާރު ހިނގަމުންދާ ޔުނައިޓެޑް ނޭޝަންސް ހިޔުމަން ރައިޓްސް ކޮމިޝަން (ޔޫއެންއެޗްސީއާރްސީ) ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދ. އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ. އާސިމް އަހުމަދެވެ.
އެ ބައްދަލުވުމުގައި ޑރ. އާސިމް ވިދާޅުވީ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މުސްހަފު އެންދުމަކީ ހިޔާލުފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭނެ ކަމަށެވެ.
މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރުމަށް އެފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ޑރ. އާސިމް ގޮވާލެއްވިއެވެ.
އޯއައިސީން ވަނީ އިސްލާމް ދީނާ މެދު ނަފުރަތު އުފެދޭ އަދި ތަފާތު ކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމުގެ މަގުސަދުގައި ގަރާރެއް ހުށަހަޅައިފައެވެ. އެ ގަރާރު ވަނީ ޔޫއެންއެޗްސީއާރްސީގެ 28 މެންބަރު ގައުމެއްގެ ތާއީދާ އެކު ފާސްވެފައެވެ.
ދުނިޔޭގެ ގައުމުތަކުގައި މުސްހަފު އަންދަން ފަށައިފައިވަނީ މިދިޔަ ބޮޑު އީދުގެ ތެރޭގައި ސުވިޑެންގައެވެ. އެ ގައުމުގެ މިސްކިތެއްގެ ކުރިމަތީގައި މުސްހަފު އަންދާލައިފައިވަނީ ފުލުހުންގެ ހިމާޔަތާއެކުއެވެ. މުސްހަފު އެންދުމުގެ އެ ހަރަކާތަށް ސުވިޑެންއިން ހިތްވަރުދިންކަމަށް ބުނެ އިސްލާމީ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ފަހުން ސުވިޑެން ސަރުކާރުން ވަނީ މުސްހަފު އަންދާލި މައްސަލަ ކުށްވެރިކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު