ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި ހަދަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކުންފުންޏަކީ ތިލަފުށި ތަރައްގީކުރުމުގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ރަށުން އިތުރު 20 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކޮށްފައިވާ ކުންފުންޏެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަންއެވެ.

މި ތިން މަޝްރޫއުގެ ޖުމުލައަގަކީ 42.4 މިލިއަން އެމެރިކާ ޑޮލަރު (654 މިލިއަން ދިވެހި ރުފިޔާ) އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.

  • ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރުގެ ބިން ހިއްކާނެ
  • ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކާނެ
  • ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރުގެ ބިން ހިއްކާނެ