ގދ. އަތޮޅުގައި އޮންނަ އަމާރީ ހަވޮއްޑާ ރިސޯޓް، ތައިލެންޑުގެ މައިނާ ހޮޓެލްސް އެންޑް ރިސޯޓްސްގެ މައި ކުންފުނި، މައިނާ އިންޓަނޭޝަނަލް ޕަބްލިކް ކޮމްޕެނީ ލިމިޓެޑް (އެމްއައިއެންޓީ) އިން ގަނެފިއެވެ.

ކްރިސްޓަލް ޕްލާޒާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ 120 ކޮޓަރީގެ ހަވޮއްޑާ ރިސޯޓް ހިންގަމުން އައީ ތައިލެންޑުގެ އެންމެ ބޮޑު އެއް ހޮޓާ ކުންފުނި ކަމަށްވާ އޮނިކްސް ހޮސްޕިޓެލިޓީ ގުރޫޕުގެ ބްރޭންޑެއްގެ ކަމަށްވާ 'އަމާރީ'ގެ ދަށުންނެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެ ރިސޯޓް ވިއްކާލުމުގެ މަސައްކަތް ފެށިއެވެ. އެކަން ހަވާލުކޮށްފައި އޮތީ ހޮޓާ އަދި ރިސޯޓުތައް ވިއްކުމުގައި ހަރަކާތްތެރިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލް އާއެވެ.

ޖޭއެލްއެލްއާ ހަވާލާދީ ވިޔަފާރި ހަބަރުތައް ގެނެސްދޭ ދަ ހޮޓެލް ކޮންޒަވޭޝަނުން ބުނީ، އެ ކުންފުނި މެދުވެރިކޮށް ހިންގި އެ މުއާމަލާތަށް ފައިސާ ފޯރުކޮށްދިނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ކަމަށެވެ. މިއީ މި އަހަރު ރާއްޖޭގައި ހިންގި މިފަދަ ފުރަތަމަ މުއާމަލާތެވެ. ނަމަވެސް އެ މުއާމަލާތުގެ އަގެއް ހާމައެއް ނުކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ރާއްޖޭގައި މިހާރުވެސް 11 ރިސޯޓް ހިންގަމުން އަންނަ މައިނާ ހޮޓެލްސް އިން ހަވޮއްޑާ ހުޅުވާނީ އެންއެޗް ކަލެކްޝަން ހޮޓަލެއްގެ ގޮތުގައެވެ. އެއާއެކު ހަވޮއްޑާ ވެގެންދާނީ އިންޑިއާ ކަނޑުގައި އަދި އޭޝިއާގައި ހުޅުވާ އެޗްއެޗް ކަލެކްޝަންގެ ފުރަތަމަ ހޮޓަލަށެވެ. ނަމަވެސް ރިސޯޓް ރީބްރޭންޑް ކުރަން ނިންމައި ހުޅުވަން ނިންމާފައިވަނީ ކޮންއިރަކު ކަމެއް ނުބުނެއެވެ.