އުރީދޫ މޯލްޑިވްސްގެ ޕަބްޖީ މުބާރަތް މިމަހު 21 އަދި 22 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އުރީދޫން ބާއްވާ އެ މުބާރާތަކީ 100،000 ރުފިޔާގެ ފްރައިޒް ޕޫލެއް ލިބޭ މުބާރާތެކެވެ.

އުރީދޫން މިއަދު ބުނީ ޕަބްޖީ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ މުޖުތަމައުގައި ޕަބްޖީގެ އެންމެ ހުނަރުވެރި އަދި ވާދަވެރި ޓީމުތައް އެއްތަނަކަށް ގެނެސް، ވާދަވެރި މާހައުލެއްގައި ބައިވެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. މިދިޔަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 ގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒްގެ ކާމިޔާބީއަށް ފަހު ޖުމުލަ 16 ޓީމަކަށް އުރީދޫ ނޭޝަން ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ ޕަބްޖީ މުބާރަތް ކުރިއަށްދާނީ ދެ ދުވަހަކުއެވެ. އެގޮތުން ފުރަތަމަ ދުވަހު ވާޗުއަލް މެޗުތަކަށްފަހު، ދެވަނަ ދުވަހު ރެހެންދި ސްކޫލް ހޯލުގައި ހިތްގައިމު ލައިވް މެޗުތަކެއް ބާއްވާނެ ކަމަށް އުރީދޫން ބުންޏެވެ. މިމަހުގެ 21 ވަނަ ދުވަހު ޕަބްޖީ މުބާރާތުގެ ހަ މެޗު ވާޗުއަލްކޮށް ކުޅުމަށް ހަމަޖެހިފައިވާ އިރު، ލައިވް މެޗުތައް މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 6:00 އާ ދެމެދު ރެހެންދި ސްކޫލް ހޯލުގައި ކުރިއަށްދާނެއެވެ.

​​މުބާރާތުގެ ދެވަނަ ދުވަހުގެ މެޗްތަކަށް ފަހު އިނާމު ދިނުމުގެ ރަސްމިއްޔާތުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ރެހެންދި ސްކޫލުގެ ހޯލުގައެވެ. މުބާރާތުގެ އެންމެ މޮޅު ޓީމުތަކުގެ އަގު ވަޒަންކޮށް ދިނުމަށް ހަމަޖެހިފައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އެންމެ މޮޅު ތިން ޓީމަށް ކަމަށް އުރީދޫން ބުންޏެވެ.

އެގޮތުން މުބާރާތުގެ އެއްވަނަ ޓީމަށް 50،000 ރުފިޔާ، ދެވަނަ ޓީމަށް 30،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 15،000 ރުފިޔާ ލިބޭނެ ކަމަށާއި އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ) އަށް 5،000 ރުފިޔާ ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޕަބްޖީ މުބާރާތުގެ ޓީމް އަޕްޑޭޓްތަކާއި ޝެޑިއުލްތަކާއި އެނޫންވެސް އެހެނިހެން މައުލޫމާތު http://ooredoonation.mv މެދުވެރިކޮށް އަދި އުރީދޫގެ ސޯޝަލް މީޑިއާ ޕޭޖުތަކުން ލިބެން ހުންނާނެއެވެ.