ސިޔާސީގޮތުން ވަކި ގޮތަކަށް އަދި ނުވިސްނަވާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި ސިޔާސީ ޕޯޑިއަމަކުން ފެންނާނެ ކަމަށް ޖޭޕީގެ ކުރީގެ ރައީސް ކަމާއި އެމްޑީޕީގެ ޗެއާޕާސަންކަން ކުރައްވާފައިވާ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދެ އަހަރަށްވުރެ ގިނަ ދުވަހު އަމިއްލައަށް އަރުވާލެވިގެން އިނގިރޭސި ވިލާތުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖެ ވަޑައިގަތުމަށް އެއްވެސް ސިޔާސީ ޕާޓީއަކާއެކު ހެދި ޑީލެއް ނޯންނާނެ ކަމަށެވެ. ސިޔާސީގޮތުން ވަކިގޮތަކަށް އަދި ނުވިސްނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އަލީ ވަހީދު ވިދާޅުވީ، ސިޔާސީގޮތުން "ވިސްނައިފަ އަޅުގަނޑު ޕޯޑިއަމަށް އެރީމަ ތިބޭފުޅުންށަށް ފެންނާނެ، އަޅުގަނޑަށް އެންމެ ވިސްނޭ ގޮތަކަށް އަޅުގަނޑު ދާނީ، ނަމަވެސް މިތަނަށް އައިސް ހުއްޓޭކަށް އެއްވެސް ސިޔާސީ ޕާޓީއަކާއެކު ހަދައިފަ އޮތް ޑީލެއް ނޯންނާނެ،" ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންނެވި އިރު، ހުންނެވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ ގޮތުގައި ނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން މިހާރު އޭނާއަކީ އެ ޕާޓީގެ ރައީސް ނޫން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައި ނުލަންޏާ، އަދި އެހެން ޕާޓީއަކުން ވަކި ފޯމެއް ނުލަންޏާ، އަޑުގަނޑު އިންނާނީ ޖޭޕީގެ އާންމު މެންބަރެއްގެ ގޮތުގައި،" ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށްއޮތްތަނުގައި އަލީ ވަހީދު ފެންނާނީ ސިޔާސީ ކޮން ޕްލެޓްފޯމަކުންތޯ، ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ކުރިއަށްދާނީ ކޮން ފިކުރަކާއެކު ކަމުގައި ދަންނަވާކަށް ނެތިން ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ކޮންމެވެސް ކެނޑިޑޭޓަކަށް ތާއީދު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުން ފުރުސަތު ލިބިވަޑައިގެންފިއްޔާ އެ ފުރުސަތު ބޭނުން ކުރައްވަފާނަންތޯ، ދެންނެވި ސުވާލަށް އަލީ ވަހީދު ވިދާޅުވީ، "އަޅުގަނޑުގެ ރައްޓެހި އަދުރޭވެސް ގުޅާ، ބުނީ މިފަހަރު ވާންޖެހޭނީ އަޅުގަނޑުމެންގެ ކެމްޕެއިން ޓީމުގެ ވާހަކައަށޭ،" އަދި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް އިހުތިރާމް ކުރައްވާ ކަމަށާއި، އެ ބޭފުޅުންނަކީ ގާތްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ބަލާނީ ސުލްހަ މަސްލަހަތާއި ސުލްހަމަސަލަސް ކަމާއި އަމަން ކުރިއަށްދާގޮތަކަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި މަޖާޒީ ގޮތެއްގައި ވިދާޅުވީ، "ދޫނިދޫ ރިސޯޓަކަށް ހަދާ ވެރިއަކަށް ކަންނޭނގެ އަޅުގަނޑު ތާއީދުކުރާނީ،" ކަމަށެވެ. އަލީ ވަހީދު އެެހެން ވިދާޅުވީ، ކުށްމަދު ކުރަންޖެހޭ ކަމަށާއި، ވާނުވާ ޖަހައިފަ ޖަލަށް މީހުންލުން ނިމުމަކަށް ގެންނާނެ ކަމަށް މި ސަރުކާރު ގެނައުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި ބުނެފައިވާކަން ފާހަގަކުރައްވާ ކަމަށެވެ.