ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި، ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން އޮގަސްޓު 11، 2021 ގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް، ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލު ކޮށްފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ، މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި މިވަނީ، ޖިންސީ ކުށުގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށްދިޔައިރު، ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާން ދިން ހުއްދައާއެކު، އިނގިރޭސި ވިލާތުގައި ތިން އަހަރެއްހާ ދުވަހު ހުންނެވުމަށްފަހުގައެވެ.

އަލީ ވަހީދު ވިދާޅުވީ، އޭނާގެ މައްޗަށް ސުޕްރޯމް ކޯޓުން އިއްވި ހުކުމް މުރާޖައާ ކުރުމަށް އެ ކޯޓަށް ލިޔުއްވި ކަމަށެވެ. އަދި މީގެ ދުވަސްކޮޅެއްކުރިން، އެ ހުކުމް ބާތިލު ކުރިކަން ސުޕްރީމް ކޯޓުން އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ އިދާރީ އޮޅުމަކުން އަލީ ވަހީދަށް ފޮނުވާފައި އޮތީ އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ޗިޓެއް ކަމަށް ވަނީ އެނގިފަ އެވެ.

އަލީ ވަހީދު ތަންފީޒުކުރަން ޖެހޭ އެއްވެސް ހުކުމެއް ނެތްކަމަށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފައެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގެންފައި މިވަނީ، އޭނާގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ނެތް ކަމަށް ބަލައި އެ ދައުވާތައް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އަނބުރާ ގެންދިއުމުންނެވެ.