މިދިޔަ ހޫނު މޫސުމުގެ ހޫނުގެ ސަބަބުން ޔޫރަޕުން 62،000 މީހުން މަރުވި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާނަލް ނޭޗަރ މެޑިސިން އިން ޝާއިއު ކޮށްފައިވާ ދިރާސާއިން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 4 އާއި ދެމެދު ޔޫރަޕްގެ ގައުމުތަކުން ހޫނުވުމާ ގުޅުން ހުންނަ ބަލިތަކާއި ހޫނުގެ އަސަރުގެ ސަބަބުން 61،672 މީހުން މަރުވެފައިވާކަމަށް ފާހަގަކޮށްފައެވެ.

ޔޫރަޕްގައި އެއްގައުމަކުން އެންމެ ގިނަ މީހުން ހޫނުގެ ސަބަބުން މަރުވެފައި ވަނީ އިޓަލީން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެ ގައުމުން 18،000 މީހުން މަރުވިކަމަށް ވެއެވެ.

ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިނުންނެވެ އެ ގައުމުން 11،000 މީހުން މަރުވިއިރު ޖަރުމަނުން ވަނީ 8،000 މީހުން މަރުވެފައެވެ.

ދިރާސާ ކުރި ފަރާތުން ވަނީ ހޫނު މޫސުމުގެ ސަބަބުން އެކި ހާލަތްތަކުގައި މަރުވެފައިވާ މީހުންގެ އެންމެ ބޮޑު ނިސްބަތަކީ އުމުރުން ދުވަސް ވީ މީހުންނާއި އަންހެނުން ކަން ފާހަގަކޮށްފައެވެ. މަރުވި މީހުންގެ ތެރެއިން 63 އިންސައްތަ އަކީ އަންހެނުންނެވެ.

މިއަހަރު ވެފައި މިވަނީ ފަހުގެ ތާރީހެއްގައި ދުނިޔެ އެންމެ ހޫނުކަމަށް ރެކޯޑު ކުރެވިފައިވާ އަހަރެވެ. ދިރާސާ ކުރާ ފަރާތްތަކުން ލަފާކޮށްފައިވާގޮތުން މިއަހަރު ޔޫރަޕްގެ ގައުމުތަކުން 68،000 މީހުން ހޫނު މޫސުމާ ގުޅުން ހުރި ކަންކަމުގެ ސަބަބުން މަރުވާނެއެވެ.