ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ލަސްވުމުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އިދާރާތަކުން ދޭ ހިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކުރި "ވަންގަވް" ޑިޖިޓަލް ޕްލެޓްފޯމެއް އިފްތިތާހުކުރުމަށް މިއަދު ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ، ސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހިދުމަތްތައް ލަސްވާ މައްސަލަތައް ކަމަށެވެ.
"ދިމާވާ ގޮންޖެހުންތަކަކީ ދިވެހި ރައްޔިތުންނާ ވިޔަފާރިތައް އޮތީ މާކުރިއަށް އަރައިގެން ގޮސްފައި. ވިސްނުމުގައިވެސް ކަންކަން ބޭނުންވުމުގައިވެސް. ސަރުކާރު އޮތީ މާ ދަށުގައި. އެހެންވުމުގެ ސަބަބުން މިސާލަކަށް ފަސޭހައިން ހިދުމަތް ދިނުމުގެ ވިސްނުން ސިވިލް ސާވިސް ތެރެޔަކު ސަރުކާރުގެ ތެރެޔަކު އޮތް ތަނެއް އަޅުގަނޑުމެންނަަށް ނުފެނުނު، އެއަށްވުރެ އަޅުގަނޑުމެންނަށް ފެނުނީ ސަރުކާރަކީ ސަރުކާރު، ދެން އަޅުގަނޑުމެން ކައިރިއަށް އައިސްގެން ހަލާކުވާންވިއްޔާ ވާންވީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްުޔާޒް ވިދާޅުވީ އެ މައްސަަލަ ހައްލުކުރަން ފުރަތަމަ ވިސްނީ މުވައްޒަފުން އިތުރުކުރުމަށް ކަމަށާއި ނަމަވެސް ސަރުކާރު މުވައްޒަފުންގެ ޓާންއޯވާ ބޮޑު ކަމަށެވެ. އަދި އަލުން މުވައްޒަފުން ނެގުމަށް ހުރި ޕްރޮސެސް ދިގުކަމުން އެކަންވެސް ވާ ގޮތް ނުވާ ކަމަށް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ހައްލަކީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން ކޮރަޕްޝަނަށް ހުޅުވޭ ދޮރުތައް ބަންދުވާ ކަމަށްވެސް ވިދާޅުވިއެވެ.
"ހިދުމަތްތައް ލަސްވުމުން ކޮރަޕްޝަނަށް އެބަ މަގުފަހިވޭ. ހިދުމަތްތައް ލަސްވުމުން އެކަން ކުރަން އާންމު ވިޔަފާރިވެރިޔާ ކޮންމެވެސް ގޮތެއް އެބަ ހޯދައި، ރަހުމަތްތެރިކަމުގެ ތެރެއިން ކިއު ބޭރުން ކަންކަން ކުރުމުގެ އުސޫލެއް އެބަ އަށަގަނޭ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތްތައް ލިބެން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު