ފުވައްމުލައް ސިޓީގެ ފަރަށް އެރި ބާޖު ބާޖުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ތަހުގީގު ނުކުރެވި އުޅެނިކޮށް އެ ބާޖު ރާއްޖޭން ފުރައިގެން ހިނގައްޖެއެވެ.

ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ނެދަލެންޑްސްގެ ހޯގާޑް ކުންފުނިން ކުއްޔަށް ނަގައިގެން އުޅޭ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖެކެވެ. އެ ބާޖު ފަރަށް އެރީ ރާޅު ބާންޏެއްގައި އަރިއަޅާލައިގެން ކަމަށް ފުވައްމުލަކު ކައުންސިލުން ބުނެއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ، އެ ބާޖު ފުރައިގެން ދިޔައީ ފަރަށް ނާރާ ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމަށްފަހު ކަމަށެވެ. މައްސަލަ ތަހުގީގު ނުކުރަނީސް ބާޖު ފުރައިގެން ދިޔަ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި، އެ ބާޖުގެ ރާއްޖޭގެ އެޖެންޓަކީ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެވެ. އެ ކުންފުނީގެ އެޖެންޓުކަމުގައި ރާއްޖެ ގެނައި ބާޖެއް މީގެ ކުރީންވެސް ވަނީ ފަރަށް އަރައިފައެވެ.

އެއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވ. އަތޮޅު މާގުޅީ ފަޅުގެ އުތުރުން އޮންނަ ކަނޑު އޮޅިން ވަނުމުގެ ތެރޭގައި ފަރަށް އެރި 'އޭއެމް އާގަމް' ނަމަކަށް ކިޔާ ބާޖެވެ. އެ މައްސަލައިގައި 100 މިލިއަން ރުފިޔާ ދެއްކުމަށް މެއިންލޭންޑް ޝިޕިންގެ މައްޗަށް އެންގިއެވެ.