ށ. ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.

ޅައިމަގު ބަނދަރު މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ ޅައިމަގު ބަނދަރު މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ ޖުމުލަ 83 ޕަސެންޓް މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.

ޕްލޭނިން މިނިސްޓްރީން ޅައިމަގު ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިސެމްބަރު 2019 ގައެވެ. 480 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް އެ ކުންފުންޏާ ހަވާލިކުރި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 2020 ގައެވެ. އެމްޓީސީސީން ބުނީ މިއީ 60.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 45،090.95 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރާއި ނެރު ފުންކުރުމާއި 281 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 581 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 414 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 2،291 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، 75 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ކޮންކްރިޓް ރޭމްޕެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.