ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އަޔެކްސްއަށް ކުޅުނު ލެޖެންޑަރީ ގޯލްކީޕަރު އެޑްވިން ވެން ޑަ ސާއަށް ސްޓްރޯކެއް ޖެހި ސިކުނޑިއަށް ލޭ އެޅުމާ ގުޅިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
އުމުރުން 52 އަހަރުގެ ވެން ޑަ ސާއަށް ސިއްހީގޮތުން ނުރައްކާތެރި ހާލަތަކާ ކުރިމަތިވެފައިވަނީ އިއްޔެ ކުއްލި ގޮތަކަށެވެ. އޭނާއަށް ކްރޮއޭޝިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ އިރު، ސްޓްރޯކް ޖެހިފައިވަނީ ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.
ވެން ޑަ ސާގެ ކުރީގެ ކްލަބު އަޔެކްސްއިން އޭނާގެ އަންހެނުން އަނަމޭރީ ވެން ޑަ ސާއާ ހަވާލާދީ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވެން ޑަ ސާގެ ހާލު މިވަގުތަށް ސްޓޭބަލް ނަމަވެސް، އަދިވެސް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އަދި ހެޔޮއެދޭ ފަރާތްތަކުން ދެމުންދާ ހިތްވަރާއި ލޯތްބަށް ޝުކުރު އަދާކުރާ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.
ވެން ޑަ ސާއަކީ ނެދަލޭންޑްސްގެ ތާރީހު ދުށް އެންމެ މޮޅު އެއް ގޯލްކީޕަރެވެ. ގައުމީ ޓީމަށް 130 މެޗު ކުޅެދީފައިވާ އިރު، އޭނާ ވަނީ ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއެކު ގިނަ މެޗުތަކެއްވެސް ކުޅެ، ކާމިޔާބީތަކެއް ހޯދައިފައެވެ. އެ ކްލަބަށް 266 މެޗު ކުޅެ، ވެން ޑަ ސާ ވަނީ ހަތަރު ފަހަރު ލީގު ކާމިޔާބުކޮށް، 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
އަޔެކްސްގެ ގޯލްކީޕަރެއްގެ ގޮތުގައިވެސް ކެރިއަރުގެ ކުރީކޮޅުގެ ގިނަ ދުވަސްތަކެއް ހޭދަކުރި ވެން ޑަ ސާ، 2011 ވަނަ އަހަރު ޔުނައިޓެޑް ދޫކޮށްލި ފަހުން ރިޓަޔާމަންޓް އިއުލާނުކުރިއެވެ. އެފަހުން އޭނާ ފެނުނީ ފުޓުބޯޅަ ހިންގުމުގައެވެ.
އެގޮތުން 2012 ވަނަ އަހަރު އަޔެކްސްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެން ޑަ ސާ މަސައްކަތް ފަށައި، 2016 ވަނަ އަހަރު އެ ކްލަބުގެ ސީއީއޯގެ މަގާމާ ހަވާލުވިއެވެ. ކްލަބުގައި ކާމިޔާބު މަސައްކަތްތަކެއް ކުރުމަށްފަހު ވެން ޑަ ސާ އެ މަގާމު ދޫކޮށްލީ މިދިޔަ ސީޒަނަށްފަހުއެވެ.
ވެން ޑަ ސާ މަގާމު ދޫކޮށްލީ 2009 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ކްލަބަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލި، ލީގުގެ ތިންވަނައިގައި ނިންމާލަން ޖެހުމުންނެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު