ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް މަސައްކަތުގެ މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދިނުމާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފަށައިފިއެވެ.
އެމްޕީއެލުން މިއަދު ބުނީ މިއަހަރުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އިންޓާންޝިޕްގައި ބައިވެރިވުމަށް ހުޅުވާލުމުން 200
އަށްވުރެ ގިނަ އެޕްލިކޭޝަން ލިބުނު ކަމަށެވެ. މިއީ މިދިޔަ އަހަރު ގެ އިންޓާންޝިޕް ޕްރޮގްރާމްއާ އަޅައި ބަލާއިރު ވަރަށް ބޮޑުތަން އިތުރު
އަދަދެއް ކަމަށާއި މިއަހަރު ލިބުނު ތަރުހީބަށް ބަލައި ބައެއް ދާއިރާތަކުން އިންޓާންޝިޕަށް ކަނޑައެޅި ޖާގަތައް އިތުރުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް (އެލްޑީޑީ) ޑިޕާޓްމަންޓުން ހިންގާ އިންޓާންޝިޕް ޕްރޮގްރާމް ފެށީ މިދިޔަ މަހުގެ 25 ގައެވެ. އަދި މި ޕްރޮގްރާމް އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެއެވެ.
އެމްޕީއެލްގެ މިއަހަރުގެ އިންޓާންޝިޕް ޕްރޮގްރާމްގައި ޖުމުލަ 18 ދަރިވަރުން ބައިވެރިވާ އިރު، މި ދަރިވަރުން ތަމްރީނު ހޯދަން ކަނޑައަޅާފައިވާ ދާއިރާތަކަކީ:
- އިލެކްޓްރިއަލް އިންޖިނިއަރިން
- މެކޭނިކަލް އިންޖިނިއަރިން
- މެރިން އިންޖިނިއަރިން
- ސިވިލް އިންޖިނިއަރިން (އޮޓޯކެޑް ޑްރޯވިން)
- ސިވިލް އިންޖިނިއަރިން (އޮޓޯ ލެވަލް ބޭނުންކޮށް ގެން ސާވޭ ކުރުން)
- އައިޓީ (ވެބް ޑިވެލޮޕްމަންޓް)
- ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން (ކޮޕީ ރައިޓާ)
އެމްޕީއެލުން ބުނީ މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާ އިރު، ކޮންމެ ދަރިވަރަކަށް ވެސް މެންޓާއެއް ހަމަޖައްސާފައިވާނެ ކަމަށާއި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދ،ީ މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ އެމްޕީއެލްގެ މުވައްޒަފުން ކަމަށެވެ.
މި ޕްރޮގްރާމްގެ އެއް ބޭނުމަކީ އެމްޕީއެލްގައި އޮތް ވަޒީފާގެ ފުރުސަތުތަކާއި، ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކޮށް، މެރިޓައިމްއާ ގުޅުންހުރި ދާއިރާތަކަށް ދަރިވަރުން ޝައުގުވެރިކުރުން ކަމަށެވެ. މީގެ އިތުރުން، ޕޯޓުގައި ކުރާ މަސައްކަތްތަކާ މެދު ދަރިވަރުން އަހުލުވެރިކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަގުސަދެއް ކަމަށް އެމްޕީއެލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު