އަންހެން ފުލުހަކަށް ގެވެށި އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، އެ މައްސަލަ ތަހުގީގުކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތުގެ އަލީގައި އެ ސާވިސްގެ ޕްރޮފެޝަނަލް ސްޓޭޏްޑަޑްސް ކޮމާންޑުން ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.

ނަމަވެސް އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށް ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އޮންލައިން ނޫހެއްގައި އިއްޔެ ގެނެސްދިން ހަބަރެއްގައި ވަނީ އަންހެން ފުލުހަކާ ގުޅޭ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން ފުލުހުންގެ އިސް އޮފިސަރަކާއި އިތުރު އޮފިސަރުންތަކެއް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަން ދޮގުކޮށް ފުލުހުން ބުނީ، އެ ހަބަރަކީ އެކަމާ ގުޅޭގޮތުން އެ ސާވިސްއިން މައުލޫމާތު އޮޅުންފިލުވުމަށް އެއްވެސް މަސައްކަތެއް ނުކޮށް، ލިޔެފައިވާ ދޮގު ހަބަރެއް ކަމަށެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކޮންޑަކްޓު ކަށަވަރުމުރުމަށް ގާނޫނުތަކުން ތަފާތު އިންތިޒާމުތައް ހަމަޖެހިފައިވާ ހިނދު، އެ ނިޒާމުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް މިފަދަ ހައްސާސް ކަންކަމުގައި ހަގީގަތާ ހިލާފު މައުލޫމާތު ހާމަކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.