ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވަން މަސައްކަތްކުރައްވާ "ދަ ޑިމޮކްރެޓްސް" އާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ނޫސްވެރިންނާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އަމްރު ވަނީ ނޫސްވެރިންނަށް ވައްކަމާއި ނުފޫޒުގެ ތުހުމަތުކުރައްވައި، ސަރުކާރުން ނޫސްތައް ގަނެފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެކަމާ ގުޅިގެން ނޫސްވެރިން އަދި އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އަމްރު މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސަރުކާރު ތެރޭގައި ހިނގާ ކޮރަޕްޝަންތައް ހުއްޓުވުމުގެ އެންމެ ބޮޑު އެއް ބާރަކީ މިނިވަން ނޫސްވެރިކަން ކަމަށެވެ. އަދި މީޑިއާތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމަށް މާލީ މިނިވަންކަން ބޭނުންވާ ކަމަށް އަމްރު ވިދާޅުވިއެވެ.
"މީގެ ދެ ދުވަސް ކުރިން އަޅުގަނޑު ނޫސްކޮންފަރެންސްއެއްގައި މިނިވަން ނޫސްވެރިކަމުގެ މުހިއްމު ކަމުގެ ވާހަކަ ދެއްކިން. އަޅުގަނޑުގެ ވާހަކަ ގެންދެވުނު ގޮތުން ބައެއް ބޭފުޅުންގެ ހިތްހަމަނުޖެހުން ފާހަގަކުރެވުނު. އަޅުގަނޑުގެ ވާހަކަ އެ މޭރުމުން ގެންދެވުނުކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެން. އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ ފުރިހަމަ މިނިވަން ނޫސްވެރިކަމެއް ސަރުކާރެއްގެ އެއްވެސް ނުފޫޒެއް ނެތި އޮންނަން ޖެހޭނެކަމަށް،" އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް ގާއިމު ކުރެވޭނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާގޮތަށް މީޑިއާތަކަށް ވެސް ގާނޫނީ ގޮތުން ފައިސާ ދޫކޮށްގެން ކަމަށެވެ. އެއިރުން ސަރުކާރުގެ ރުހުން ހޯދަން ނުޖެހި، މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ.
"މިކަން މިގޮތަށް ކުރުމަށްޓަކައި ސިޔާސަތު އެކުލަވާލައި، މެނިފެސްޓޯގައި ހިމެނުމަށް އަޅުގަނޑު ބާރު އަޅާނަންކަން ވެސް ދަންނަވަން،" އަމްރު ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ޒުވާނުން އިތުރުވެގެންދާނެ ކަމަށާއި އަދި ސަރުކާރުން ރައްޔިތުންގެ ފައިސާ ބޭނުން ކުރުމުގައާއި ރައްޔިތުންނަށް ދޭ ހިދުމަތްތައް ދިނުމުގައި ސަރުކާރު ޒިންމާދާރު ވެގެންދާނެ ކަމަށެވެ. އަދި ފުރިހަމަ މިނިވަންކަން ލިބިފައިވާ ނޫސްވެރިކަމެއް ރާއްޖޭގައި ގާއިމުވުމަކީ މުހިންމުކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމްރު ނޫސްވެރިންނަށް ތުހުމަތުތަކެއް ކުރެއްވުމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެމްޖޭއޭ އިން ބުނެފައިވަނީ ސިޔާސީ އެކި ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައާއި އެހެންވެސް ޕްލެޓްފޯމްތަކުގައި ވަކިވަކި ނޫސްވެރިންނާ މެދު ސާބިތު ނުހިފޭ ސީރިއަސް ތުހުމަތުތައްކޮށް ނޫސްވެރިކަން ޑިސްކްރިޑިޓް ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އެފަދަ އަމަލުތައް ތަކުރާރުކުރާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް ނޫސްވެރިންނަށް ހިތްވަރުދޭ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
މީޑިއާ ކައުންސިލުން ބުނެފައިވަނީ ނޫސްވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ނޫސްވެރިންނަށް ލިބެމުންދާ އަނިޔާތަކާއި، އިންޒާރުތަކާއި، އަދި އެ ނޫންވެސް ގޮންޖެހުންތަކުގެ އިތުރުން މިހާރަކަށް އައިސް ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ވަރަށް ފާޅުގައި ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ދޮގު އިލްޒާމުތައް އަޅުވަމުންދާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރާ ފަރާތްތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރުމަކީ މުޅި ނޫސްވެރިކަމުގެ ދާއިރާއަށްވެސް ގެއްލުން ލިބޭ ކަމެއް ކަމަށާއި ވަކިވަކި ނޫސްވެރިިންގެ އަގުވައްޓާލައި، ސާބިތު ނުހިފޭ ތުހުމަތުކުރުމަކީ މީޑިއާގެ މިނިވަންކަމަށްވެސް އެޅިގެންދާ ހުރަހެއް ކަމަށެވެ. އަދި އެއީ ސަރުކާރާއި އެ ނޫން ފަރާތްތައް ޖަވާބުދާރީ ކުރުމަށްވެސް އެޅޭ ހުރަހެއް ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު