ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާކޮށްފައިވާ ގއ. ކޮނޑޭ/ ފޮޅޭމާގެ، ތަހުމީން އަހުމަދު ހުށަހަޅާފައި ދެ ހެއްކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބަދަލުކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތުގެ އިތުރުން ބޮން ހަރުކުރުމުގައި އުޅުނު މީހެއް ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ބަލައިނުގަންނަން ނިންމީ ކުށްކުރި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރަން ތަހުމީނު ހުށަހެޅި ދެ ހެއްކެކެވެ. ކްރިމިނަލް ކޯޓުން އެގޮތަށް ނިންމީ ތަހުގީގުގައި އެ ދިފާއު ނުނަގާ އޮތުމުންނާއި ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތް ގޮތުން އެ ދިފާއު ތަހުގީގުގައި ނަގަންޖެހޭ ކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރުމުންނެވެ.

އެ މައްސަލަ ތަހުމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އެ ކޯޓުން ހުކުމްކޮށްފައި ވަނީ، ހެކި ހުށަހެޅުމުގެ ހައްގު ތަހުމީނަށް ލިބެންޖެހޭ ކަމަށެވެ. އެއީ އޭނާގެ މައްޗަށް ތަހުގީގު ހިންގި އިރު. ކުށްކުރި ތަނާއި ތާރީހުގެ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ އެ މަރުހަލާގައި އެ ދިފާއު ނެގުމުގެ ފުރުސަތު ނޯންނާނެތީ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންވެ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ނިންމެވީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރުމަށާއި ތަހުމީންގެ ފަރާތުން ހުށަހެޅި ދެ ހެއްކަކީ ބަލައިނުގަނެވޭނެ ހެކި ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.