ޖަރުމަނުގައި ދާދިފަހުން ނިމިގެންދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް އިން ރާއްޖެއަށް ކާމިޔާބީތައް ހޯދައިދިން ސްޕެޝަލް އޮލިމްޕިކްސް ޓީމަށް މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަދުގެ މަރުހަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގެންނެވި އިރު، މިއަދު ރައީސް ވަނީ ރާއްޖެއަށް ރަންވަނަތައް ހޯދައިދިން ޓީމުގެ އެތުލީޓުންނާއި އެ އެތުލީޓުންގެ ބެލެނިވެރިންން އަދި ޑެލިގޭޝަނުގެ މެންބަރުންނާވެސް ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

ޖޫން 17 އިން 25 އަށް ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ގޭމްސް"ގައި ރާއްޖޭގެ ޓީމުން ވަނީ ދެ ރަން މެޑަލްއާއި އެއް ލޯ މެޑެލް ހޯދައިފައެވެ.

މި ފަހަރު ރާއްޖެއަށް ރަން މެޑަލް ގެނެސްދިނީ އައިޝަތު މާނިޔާ އާދަމްއާއި އައިޝަތު ލައިކާ ހުސެއިނެވެ. މާނިޔާ ރަން މެޑަލް ހޯދީ ބެޑްމިންޓަން އިވެންޓުންނެވެ. އަދި ލައިކާ ރަން މެޑަލް ހޯދީ ލެވެލް ބީ - އެފް07 ޑިވިޝަންގެ 100 މީޓަރު ދުވުމުންނެވެ. ރާއްޖެއަށް ލޯ މެޑަލް ހޯދައި ދިނީ ޒާނާ އަލީ ޝަރީފެވެ. ޒާނާ ބްރޯންޒް މެޑަލް ހޯދީ ލެވެލް ސީ - ޑިވިޝަން އެފްއޯ3 ކެޓަގަރީގެ 200 މީޓަރު ދުވުމުންނެވެ.

މިއަދު އެތުލީޓުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ އެތުލީޓުން ވަރަށް ފުރިހަމަ ކާމިޔާބީއެއް ހާސިލުކޮށްފައިވާތީ އެކަން ފާހަގަކުރައްވައި ކާމިޔާބީ ހޯދުމުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން ވަކިން ހާއްސަކޮށް، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއާއި ޔޫތް މިނިސްޓްރީން ކާމިޔާބީގައި އަދާކޮށްފައިވާ މުހިންމު ދައުރު އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް މީހަކު ބާކީނުކޮށް ހުރިހާ ކަމެއްގައި ޝާމިލުކޮށްގެން ކުރިއަށްދިއުންކަމާއި ކުޅިވަރުގެ ދާއިރާގައިވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއީކަން ފާހަގަކުރައްވައިފައެވެ. އޭގެ އިތުރުން އެ މަނިކުފާނު ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް އުފައްދަވާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުޅިވަރުގައި ބައިވެރިވުމަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށްކަންވެސް ފާހަގަކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ މައިދާނުން ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޖަރުމަނުގެ ބާލިންގައި ބޭއްވި "ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސް"ގައި ދުނިޔޭގެ އެތައް ގައުމަކުން 6500 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެ ވާދަކޮށްފައިވެއެވެ.