ހައްޖުގެ އަޅުކަން އަދާކުރަން ދިޔަ ދިވެއްސަކު ގެއްލިގެން ހޯދާތާ ތިން ދުވަސްވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ރ. މާކުރުތު، މަލަ، މުހައްމަދު ނަސީމް އަލީ (72އ) އެވެ. ނަސީމުގެ ދަނބިދަރިފުޅެއް ކަމަށްވާ އަބްދުއްސަމަދު ޔޫސުފް "ވަން" އަށް މިރޭ ވިދާޅުވީ ނަސީމު ގެއްލިފައިވަނީ އީދު ވިލޭރޭ ކަމަށެވެ.

"އަރަފާތައް ދިއުމަށް މިނާގައި ހުއްޓާ ގެއްލުނީ. އެކޮޅުގެ އުޅޭ ދައްތައަކު އޭނާއަށް ކާންދީފަ، މިނާއަށް ވައްދުވާފަ ބުނި، ބޭރަށް ނުދާށޭ. އެކަމަކު ފަހުން ގޮސް ބެލިއިރު ފެންނާކަށް ނެތް. ގޮދަޑީގައި އޮށޯވެ އޮތް ނަމަ ނޫނީ އިށީނދެ އިންނަމަ ރޫ ހުންނާނެ. އެކަމަކު ރުލެއްވެސް ނެތް،" ޔޫސުފް ބުންޏެވެ.

ޔޫސުފް ބުނީ، ނަސީމަކީ ހަނދާން ނެތޭ ބަލި ވަރަށް ބޮޑަށް ހުންނަ މީހެއް ކަމަށާއި އިންޑިއާ އިން އެކަމަށް ބޭސްކުރާތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް ބަލި އަދި ރަނގަޅުވެފައިނުވާ ކަމަށް ބުންޏެވެ.

"އެއް މިނެޓު ތެރޭ ވަރަށް ގިނަ ފަހަރު ދައްކާ އެއް ވާހަކައެއް ދައްކާނެ. ވަރަށް ބޮޑަށް ހަނދާން ނެތޭ ބަލި ހުންނަ މީހެއް. މިނެޓަކަށްވެސް ހަނދާން ނުހުންނާނެ،" ނަފުސާނީ ބައްޔަށްވެސް ބޭސް ކުރަމުންދާކަން ފާހަގަކޮށް ޔޫސުފް ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް "ވަން" އިން ގުޅުމުން ވިދާޅުވީ ނަސީމު ގެއްލިގެން ހޯދަމުންދާތާ ތިން ދުވަސް ވެއްޖެ ކަމަށާއި ނަމަވެސް އަދި ފެނިފައި ނުވާ ކަމަށެވެ.