ސައްހަ ނޫން ތައުލީމީ ސެޓްފިކެޓެއް ހަދައި، އެ ސެޓްފިކެޓް ވިއްކި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާއަށް ނިސްބަތްވާ ޓީޗަރު ރާއްޖޭގައި އަދާކުރަމުންދިޔަ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ވަގު ސެޓްފިކެޓް ވިއްކަމުންދާ މައްސަލައިގައި އިންޑިއާ ފުލުހުން ހޯދަމުންދާ އަބިން ސީ މަސައްކަތް ކުރަނީ ކަލާފާނު ސްކޫލުގައި އިކޮނޮމިކްސް ޓީޗަރެއްގެ ގޮތުގައެވެ. އޭނާ ހޯދަން އިންޑިއާ ފުލުހުން އިންޓަޕޯލް ބްލޫ ކޯނާ ނޯޓިސް ނެރުނު އިރު، އޭނާ އިންޑިއާއަށް ދިއުމުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ "ކެރެލާކަމުޑީ" އިން ރިޕޯޓުކޮށްފައިވާ ގޮތުން ދިވެހި ސަރުކާރުން މިހާރު ވަނީ އަބިންގެ ވޯކް ޕާމިޓްވެސް ކެންސަލްކޮށްފައެވެ.
ނަމަވެސް އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އިތުރު މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބިން ސައްހަ ނޫން ސެޓްފިކެޓް ވިއްކަމުން ދިޔައީ 200،000 ރުޕީސް (37،000 ރުފިޔާ) އަށެވެ.
އޭނާގެ މައްސަލަ އިންޑިއާ ފުލުހުން ތަހުގީގު ކުރަން ފެށީ ނިކިލް ތޯމަސް ނަމަކަށް ކިޔާ މީހަކަށް ދެ ލައްކަ ރުޕީސްއަށް ފޭކް ސެޓްފިކެޓެއް ހަދައި ދިން މައްސަލައެއް ފަޅާއެރުމުންނެވެ. އެއީ ކަލިންގާ ޔުނިވާސިޓީގެ އަސްލާ އެއްގޮތަށް ހަދައިދީފައިވާ ފޭކު ޑިގްރީ ސެޓްފިކެޓެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު