މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނެތަސް، ވަކިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާނަމަ އާއިލާ މީހަކާއެކު ޖޮއިންޓް އެޕްލިކޭޝަނަކަށް ބަދަލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ޝަރުތު ހަމަވާ މީހުން ހުށަހަޅާފައިވާ އެޕްލިކޭޝަން ޖޮއިންޓް އެޕްލިކޭޝަނަކަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ގޯތި ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނީ ވެސް ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ މީހުންނަށްކަން ކުރިން ވެސް އިއުލާންކޮށްފައިވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން އެކަމުގެ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިއަދު އާންމުކުރީ 5،000 ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު ކަމަށެވެ. އެ ލިސްޓުގައި ނުހިމެނުނު ނަމަވެސް، ގޯތި ލިބުމަށް ޝަރުތު ހަމަވާ 9،555 މީހުންނަށް އުސޫލާ އެއްގޮތަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"އާއިލާގެ ފަރާތުން މަންމަ ނުވަތަ ދައްތަ ނުވަތަ އެހެން މީހަކު ވަކިން ފޯމު ހުށަހަޅައިފައިވާ ނަމަ، ގޯތި ހޯދުމުގެ ފުރުސަތު ބޮޑުކުރުމަށް ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ހުށަހެޅިދާނެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ މައުލޫމާތު ވެސް އާންމުކޮށްފައެވެ.
ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ، ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށްފަހު، ގެދޮރުވެރިޔާ ވެބްސައިޓަށް ވަދެ އެ ޕޭޖުގައިވާ "ލޮގިން ކުރައްވާ" އަށް ފިތާލުމުން އީފާސް އައިޑިއާއި ޕާސްޕޯޑު ޖަހަން އަރާނެއެވެ. އައިޑީ އަދި ޕާސްވޯޑު ޖަހައި ލޮގިންވުމުން އެ ފަރާތަކުން ހުށަހަޅައިފައިވާ އެޕްލިކޭޝަންގެ ސްޓެޓަސް ފެންނަން ހުންނާނެއެވެ.
އެ ތަނުން ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް ޝަރުތު ހަމަވާ ނަމަ ފެންނަން ހުންނާނެއެވެ. ޖޮއިންޓް ރިކުއެސްޓް ފޮނުވުމަށް، "ޖޮއިންޓް ރިކުއެސްޓް ފޮނުއްވާ" އަށް ފިތާލުމަށްފަހު އެ ފަރާތެއްގެ އައިޑީ ކާޑު ނަމްބަރު ޖަހައި، އާއިލާގެ މެމްބަރާ އޮންނަ ގުޅުން ހިޔާރު ކުރުމުން ސަބްމިޓް ކުރެވެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު