ގެދޮރުވެރިޔާގެ މަޝްރޫއުގެ ދަށުން ދޫކުރާ ފުލެޓުތަކުގެ ލިސްޓު ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފުލެޓު ދޭނެ ފަރާތްތައް ކަނޑައަޅައި އިވެލުއޭޓު ކުރުމަށް އެކުލަވައިލި ހާއްސަ ކޮމެޓީ، "ގެދޮރުވެރިންގެ ކޮމިޓީ" ގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން "ވަން" އަށް މިމަހުގެ ހަތްވަނަ ދުވަހު ވިދާޅުވެފައިވަނީ އީދު ބަންދުގެ ކުރިން އެ ލިސްޓު އާންމުކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައެވެ. އޭގެ ދާއިމީ ލިސްޓު އާންމުކުރާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ލިސްޓު ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށާއި އެކަމަށް މާ ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެ ކަމަށެވެ.
"ފުލެޓް ލިސްޓުގެ މަސައްކަތް ގާތްގަނޑަކަށް މި ހިސާބަށް ގޮސްފި. ދާދި އަވަހަށް އަޅުގަނޑުމެން އެކަން ކުރާނަން. މާގިނަ ދުވަހަކު އިންތިޒާރު ކުރައްވާކަށް ނުޖެހޭނެ،" އަސްލަމް ވިދާޅުވިއެވެ.
ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައިވަނީ 2,000 ފްލެޓުގެ މަސައްކަތެވެ.
މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ.
ހަތަަރުހާސް ހައުސިން މަޝްރޫއުގެ ދަށުން 18 ބުރީގެ 32 ޓަވަރު ހަދާ އިރު, ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނާނެއެވެ. އަދި ކޮންމެ ޓަވަރެއްގައި އަށް ރެސިޑެންޝަލް ޔުނިޓު ހަދާ އިރު، އެންމެ ތިރީ ބުރީގައިވެސް ފިހާރަތަކާއެކު ޕާކިންއަށް ޖާގަ ހަދާނެއެވެ. އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގައިވެސް ޕާކިން ހަދާނެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އޮގަސްޓް މަހުގެ ނިޔަލަށް އަށް ޓަވަރެއްގެ މަސައްކަތް ނިންމައި، މީހުން ވެއްދޭވަރުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެހާ ހިސާބަށް ޓަވަރުތަކުގެ ސްޓްރަކްޗާ މަސައްކަތް ނިމޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު