ނ. މާފަރުން ގޮތް ނޭނގޭ "ބިޔަ" ޖަނަވާރެއް ފެނިގެން ފުލުހުންނާއި ސިފައިން އެ ޖަނަވާރު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މާފަރު އެއާޕޯޓު ކައިރިން އެ ޖަނަވާރު ހިނގާފައި ދާ މަންޒަރު ފެންނަ ވީޑިއޯއެއް އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އަދްނާން ވަނީ އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ޖަނަވާރުގެ ހަރަކާތްތައް ވައްތަރީ މިނިކާވަގަކާއެވެ.
އެ ރަށުން "ވަން"އާ ވާހަކަދެއްކި ބައެއް މީހުން ބުނާ ގޮތުގައި އެ ޖަނަވާރު ބޮޑަށް ވައްތަރީ ބްލެކް ޕެންތާ އަދި ބްލެކް ޗީތާ އަކާއެވެ. އަދި އެ ޖަނަވާރު ކަނޑު ބޯޓަކުން މޫދަށް ފުންމާލި މަންޒަރު ފެނުނު ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
"ވަން"އާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެ ޖަނަވާރު ފެނިފައިވަނީ މާފަރު އެއާޕޯޓުގެ ދެވަނަ ފިޔަވަހިންނެވެ. އެ ޖަނަވާރު ފެނުނު މީހުން، އެއީ މިނިކާވަގެއް ކަމަށް ޔަގީންކަމާއެކު ބުންޏަސް، ފުލުހުން އަދި އެމްއެންޑީއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަދުނާން "ވަން" އަށް މިރޭ ބުނީ އެ ޖަނަވާރު ފެނިފައިވަނީ ހަމައެކަނި ވީޑިއޯކުރި ވަގުތު ކަމަށާއި އެެ ފަހުން އެ ޖަނަވާރު ފެނިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގޮތް ނޭނގޭ ޖަނަވާރެއް ފެނުނު ނަމަވެސް، ރަށުގެ ރައްޔިތުން އެކަމާ މާބޮޑަށް ބިރުން ނޫޅޭ ކަމަށެވެ. އަދި އޭތި އެތެރެވި ގޮތް ތަހުގީގުކުރަން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
އެ ޖަނަވާރު އެރަށަށް އެތެރެވި ގޮތް ތަހުގީގުކުރަން ފުލުހުގައި އެދިފައިވާނެ ކަމަށާއި އަދި އެއީ އެރަށުގެ އެއާޕޯޓު ތަރައްގީގެ މަޝްރޫއަށް ބޭނުންވާ ޝިޕްމެންޓް ގެނައި ބޯޓަކުން އެތެރިވި އެއްޗެއްތޯ ވެސް ބަލަމުން އަންނަ ކަމަށް އަދުނާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު