ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށ، ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު އަންނަ މަހުގެ 15 ވަނަ ދުވަހު އިއުލާންކުރުމަށް ނިންމައިފިއެވެ.

މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމަށް 15،164 ފޯމް (23،801 މީހުން) ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 12،794 ފޯމް (19،857 މީހުން) އެވެ.

ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އަސްލަމް ވިދާޅުވީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މިއަދު ހުޅުވައިފައިވާ ކަމަށާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާނެ ކަމަށެވެ. އަދި ހަމަ އެ ދުވަހު ގޯތި ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޝަކުވާ ނުވަތަ އިންކުއައިރީއެއް އޮތް ކަމަށްވަންޏާ އެކަން ކުރުމަށް އަޅުގަނޑުމެން މި ފުރުސަތު ހުޅުވާލަނީ. ޖުލައި މަހުގެ 15 އާ ހަމައަށް އަޅުގަނޑުމެން އެކަން ކުރުމަށް ނިންމާފައި ވަނީ. ދެން އެއަށްފަހު އަޅުގަނޑުމެން ފައިނަލް ލިސްޓެއް އެ ހިސާބުން ޖުލައި މަހުގެ 15 ވަނަ ދުވަހު، މި ދެންނެވި އިންކުއައިރީއާ ކޮމްޕްލެއިންޓްސްއަށް ވަގުތުދީފައި އަޅުގަނޑުމެން ފައިނަލް ލިސްޓެއް ނެރެން ގޯތި ދިނުމުގެ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށާއި ނަމަވެސް ފުރަތަމަ ބުރުގައި ދޫކުރާނީ 5،000 ގޯތި ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ގެޒެޓު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 10،314 މީހުންނަށް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވަނީ މި ޕްރޮގްރާމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ގޯތި ދިނުމަށް. އެހެންނަމަވެސް މިއަދު ގެޒެޓުކުރާނީ ފުރަތަމަ އިއުލާނު ކުރި 5،000 ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ދެވަނަ ބުރުގައި ދޫކުރާ ގޯއްޗަށް 9،544 ފަރާތެެއް ޝަރުތު ހަމަވާ ކަމަށެވެ. އެ ގޯތިތައް ދޫކުރާނީ ކޮން ތަނަކުން ކަމެއް ވިދާޅެއް ނުވެއެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމުލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެއެވެ. މި ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1،000 ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ އިންނެވެ.

[ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު ](https://www.gazette.gov.mv/iulaan/246457 )