ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ދޫކުރާ 5،000 ގޯއްޗަށް ޝަރުތު ހަމަވަނީ 19،857 މީހަކަށް ކަމަށް ގޯތި ކޮމިޓީން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޯތި ކޮމިޓީން ދެއްކި ޕްރެޒެންޓޭޝަންގައިވާ ގޮތުގައި މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް 23،088 މީހަކު ކުރިމަތިލާފައިވެއެވެ. އެއީ 15،164 ފޯމެވެ.

އޭގެ ތެރެއިން 12،794 ފޯމު ސައްހަ އިރު، 19،567 މީހަކު ގޯއްޗަށް ޝަރުތު ހަމަވެއެވެ. އޭގެ ތެރޭގައި އެކަނި ކުރިމަތިލާފައިވާ މީހުންނާއި އެހެން މީހުންނާ ގުޅިގެން ޖޮއިންޓް އެޕްލިކޭޝަންގެ ގޮތުގައި ކުރިމަތިލާފައިވާ މީހުން ހިމެނެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަަށް ހުޅުވާލައިފައިވަނީ 26 ޖޫން 2022 ގައެވެ. އެ މުއްދަތު ހަމަވީ 15 އޮކްޓޫބަރު 2022 ގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށާއި ނަމަވެސް ފުރަތަމަ ބުރުގައި ދޫކުރާނީ 5،000 ގޯތި ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ގެޒެޓު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 10،314 މީހުންނަށް ކަމަށާއި ދެވަނަ ބުރުގައި ދޫކުރާ ގޯއްޗަށް 9،544 ފަރާތެެއް ޝަރުތު ހަމަވާ ކަމަށެވެ. އެ ގޯތިތައް ދޫކުރާނީ ކޮން ތަނަކުން ކަމެއް ވިދާޅެއް ނުވެއެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމުލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެއެވެ. މި ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެގޮތުން 1،000 ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ އިންނެވެ.