ގދ.ފަރެސްމާތޮޑާ/ ފަރެސް ކޯނަރު ހުޒައިލް ބިން ހޫދު އަބްދުލް ގަފޫރަކީ އުމުރުން ހަތަރު އަހަރުން ފެށިގެން ފިޓް ޖެހެމުން އަންނަ ކުއްޖެކެވެ.

އެހެންކަމުން އެ އުމުރުގެ އެހެން ކުދިންނާއެކު މަޖާކޮށް އުޅުމާއި ސްކޫލަށް ގޮސް އުޅުމުން އޭނާ ވަނީ މަހުރޫމް ވެފައެވެ. ހުޒައިލްގެ މާލޭގެ އެކިއެކި ހޮސްޕިޓަލުންނާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަމުން އައި ނަމަވެސް، އުމުރުން މިހާރު ހަތް އަހަރަށް އަޅާފައިވާ ހުޒައިލްގެ ބައްޔަށް އެކަށީގެންވާ ފަރުވާއެއްް ލިބިފައެއް ނުވެއެވެ.

"އެ ކަންތައް ދިމާވީއްސުރެ މި އަންނަނީ ފަރުވާދަމުން. އަދިވެސް އެކަށީގެންވާ ފަރުވާއެއްް ލިބުފައެއް ނުވޭ. އައިޖީއެމްއެޗްގެ ލަފާގެ މަތިން މިހާރު ރާއްޖޭން ބޭރުން ފަރުވާ ހޯދަމުން މި އަންނަނީ،" "ވަން" އާ ވާހަކަދައްކަމުން ހުޒައިލްގެ މަންމަ ވަފާ އަބްދުﷲ ކިޔައިދިނެވެ.

ހުޒައިލްގެ މަންމަ ވަފާ ބުނެފައިވާ ގޮތުގައި ހުޒެއިލްގެ ބައްޔަށް ދާއިމީ ފަރުވާއެއް ލިބޭނީ އޮޕަރޭޝަނެއް ކޮށްގެން ކަމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން، މީގެ ކުރިން ބުނަމުންދިޔަ ނަމަވެސް ހުޒައިލް ބަލިކަމުންނާއި، އެކަމަކީ ސިކުނޑިއަށް ޖެހެމުން އަންނަ ކަމަކަށްވާތީ މިހާތަނަށް އޮޕަރޭޝަން ކުރެވިފައެއް ނުވެއެވެ.

"މިދިޔަ އަހަރުތަކުގައި މިކޮޅަށްވެސް ވަރަށް ގިނަ ފަހަރު ދެއްކިއްޖެ، އަދި އިންޑިއާއަށްވެސް ވަރަށް ގިިނަ ފަހަރު ދެއްކިއްޖެ. އިންޑިއާއިން ބުނީ އޮޕަރޭޝަނެއް ނުކުރެވޭނެއޭ، އެއީ ބްރެއިންގެ އެކި ދިމާދިމާލުން ފިޓް އަންނާތީކަމަށް،"

ނަމަވެސް ހުޒައިލްގެ ބަލި އަންނަނީ ކުރިއަށްވުރެ ސީރިއަސްވެ އިތުރަށް ބޮޑުވަމުންނެވެ. އެގޮތުން ކުރިއާ ހިލާފަށް މިހާރު ފިޓް ޖެހުން އަވަސްވެ، ފިޓް ޖެހިފައި އޮންނަ ވަގުތުވެސް މިހާރު ވަނީ އިތުރުވެފައެވެ. އަދި ހިނގަ ހިނގައި ހުއްޓައި ފިޓް ޖެހި އެއްފަރާތް ދަމައިގަނެ، ގިނަ އިރުތަކެއްވަންދެން އޮންނަންވ ވެސް ޖެހެއެވެ.

"މިފަހަރު އިންޑިއާއަށް ގޮސް ދެއްކުމަށްފަހު، ރަށަށް ގޮސް ހުއްޓައި ވީގޮތަކީ ހުޒައިލްގެ ރައިޓް ސައިޑް އެއްކޮށް ވާގިނެތޭ ގޮތްވަނީ. ހިނގަ ހިނގައި ހުއްޓަވެސް ދަމައިގަންނަނީ. ދެން އޮންލައިންކޮށް ރާޖަގިރި ހޮސްޕިޓަލަަށް ދެއްކީ. އެތަނުން ބުނީ އެއީވެސް ފިޓްގެ ވައްތަރެކޭ، އެއީ ވަރަށް ޑޭންޖަރު ހިސާބަކުންނޭ މިހާރު ފިޓް އެ އަންނަނީ،" ވަފާ ބުންޏެވެ.

މީގެ އިތުރުން ކުރިއާ ހިލާފަށް މިހާރު ފިޓް ޖެހޭ ފަހަރުތަކުގައި ރަނގަޅު ނުވެ ތިން މިނެޓަށްވުރެވެސް ގިނައިރަށް ދެމިގެންދިއުމާއި، ފިޓް ޖެހޭ މިންވަރު އިތުރުވެ، ހަފުތާއަކު ދެދުވަހު، ތިން ދުވަހުވެސް ފިޓް ޖެހެއެވެ.

ހުޒައިލްގެ ބައްޔަށް، އިތުރު ފަރުވާ ހޯދުމަށްޓަކައި އެންމެ ފަހުން ދެއްކީ އިންޑިއާގެ ރާޖަގިރި ހޮސްޕިޓަލަށެވެ. އެއީ މިިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ ހޮސްޕިޓަލުން ވަނީ ހުޒައިލަށް އިތުރު އުންމީދެއް ދީފައެވެ. އެގޮތުން ވީހާ އަވަހަކަށް އޮޕަރޭޝަން ކޮށްފިނަމަ، އެ ބަލިން ހުޒައިލް ސަލާމަތް ކުރެވިދާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

"މިދިޔަ މަހު ހުޒައިލް ދައްކަން އިންޑިއާއަށް ދިޔައީ އޮޕަރޭޝަނަށް ތައްޔާރުވެގެންނެއް ނޫން. އެއީ އޮޕަރޭޝަން ނުކުރެވޭނެއޭ ބުނެފައި އޮތީމަ. ނަމަވެސް ރާޖަގިރި ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓުތައް ހަދައިފަ ބުނީ، ބްރައިންގެ ލެފްޓް ސައިޑްގައި އެބަ އިނދެއޯ ކޮންމެސް ކަހަަލަ އުނިކަމެއް، އެއީ ކުޑަ ކުޑަ ހޯލްއެއް. އައިޖީއެމްއެޗުންވެސް ކުރިން ބުނި އެހެން، އެ ހޯލްގެ ސަބަބުންނޭ ފިޓް އެ ޖެހެނީ، އެހެންވެ ވީހާ އަވަހަކަށް އޮޕަރޭޝަން ކުރަން ޖެހެއޭ،" ހުޒައިލްގެ މަންމަ ވަފާ ބުންޏެވެ.

ނަމަވެސް ހުޒައިލްގެ މަންމަ ބުނީ، ގިނަ އަހަރުތަކެއްވަންދެން، ޑޮކްޓަރަށް ދައްކަން ގިނަ ދަތުރުތަކެއް ކުރަން ޖެހުމުން އަވަސް އޮޕަރޭޝަނަކަށް ދާން ބޭނުންވާ މާލީ ތަނަވަސްކަން މިވަގުތު ނެތް ކަމަށެވެ. އެހެންކަމުން ހުޒައިލް އެ ބަލިން ސަލާމަތްކުރުމަށް އެންމެންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

"ވަން" އިން އެދެނީ އެންމެންގެ އެހީއާއެކު ހުޒައިލްގެ ބައްޔަށް ފާރުވާ ލިބި، ރަނގަޅު ސިއްހަތެއް ލިބުމަށެވެ.

  • 7730000221369 (ފައިސާ އެކައުންޓް)
  • ވަފާ އަބްދުﷲ (ހުޒައިލްގެ މަންމަ)
  • 7730000127953 (ޑޮލަރު އެކައުންޓް)
  • ފާތުމަތު ވަހީދާ (ހުޒައިލްގެ މާމަ)
  • ފޯން ނަމްބަރު: 7669254