ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

ޖާބިރު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ސޯލްޓް ކެފޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެމްޑީޕީއަށް ލިބުނު ކުރިއެރުމެއް ކަމަށާއި ޖާބިރަކީ ޒުވާނުންގެ ލީޑަރެއް ކަމަށެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ސޯލިހަށް ކާމިޔާބު ކުރެވޭނެ ކަމާމެދު 100 ޕަސަންޓް ޔަގީންކަން އެބަ އޮތް ކަމަށާއި އޭނާގެ ފުލް ކެޕޭސިޓީގައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހުރީ އެމްޑީޕީގައި. ދެން އޭރުގައި އަޅުގަނޑު އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެމްޑީޕީގައި ނެތް. ދެން އަޅުގަނޑު ހޮވަން ބޭނުންވަނީ ރާއްޖޭގެ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށްވާތީ އެ ޕްލެޓްފޯމުގައި މަސައްކަތް ކުރަން އަނބުރާ މިއައީ،" ސޮއިކުރެއްވުމަށްފަހު ޖާބިރު ވިދާޅުވިއެވެ.

ޖާބިރު، އެމްޑީޕީއަށް މިއަދު ސޮއިކުރެއްވި އިރު، އެ ޕާޓީއާ ގުޅިވަޑައިގަތުމުގެ ދައުވަތު އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އޮތީ ދެއްވައިފައެވެ.

ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ އަަދަދު މިހާރު ވަނީ 55 އަށް އަރައިފައެވެ.