ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައިޖީއެމްއެޗްގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރުގައި ހުރި އޭޓީއެމަކަށް މީހަކު ގެއްލުން ދިނީ ގަސްދުގައި ނޫން ކަމަށް އެ ބޭންކުން ބުނެފިއެވެ.

އައިޖީއެމްއެޗް ކައިރީ ހުރި އޭޓީއެމް މެޝިނަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު 5:11 ހާއިރެވެ.

އެކަމާ ގުޅިގެން ބީއެމްއެލުން ބުނީ އެ ހާދިސާގައި އޭޓީއެމްއަށް ގެއްލުންވެފައި ވަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އެ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެެވެ.

ބޭންކުން ބުނީ ރޭގެ ހާދިސާގައި އޭޓީއެމަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ނަގާފައި ނުވާ ކަމަށެވެ.

"އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލުން ބަލަމުންދާއިރު އޭޓީއެމްގެ ހިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ގާއިމުކޮށްފައިވާ ހިދުމަތެއް،" ބީއެމްއެލުން ބުންޏެވެ.