ގެއްލުނު ސަބްމެރިންގެ ޕްރެޝަރު މަތިވެ އެތެރެއަށް ފިތިގެން ދިޔަ އަޑު ކުރިން ދެނެގަނެވިފައިވާކަމަށް އެމެރިކާގެ ނޭވީން ބުނެފިއެވެ.

ފަސް މީހުންނާއެކު ޓައިޓޭނިކް ބަލައިލަން ދަތުރުކުރަނިކޮށް ގެއްލިފައިވާ ކުޑަ ސަބްމެރިން ހޯދުމަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދަނިކޮށް ވަނީ އެ ސަބްމެރިންގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ކަނޑުގެ އަޑިން ފެނިފައެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ އެއިން ދަތުރުކުރި އެންމެން މަރުވެފައިވާކަން ޔަގީން ކޮށްދީފައެވެ.

ސަބްމެރިން އަޑިޔަށް ފީނުމަށްފަހު މާގިނަ އިރުތަކެއް ނުވެ އޭގެ މައި ބޯޓާ ދެމެދު ގުޅުން ކެނޑި ވަނީ ގެއްލިފައެވެ. އެމެރިކާގެ ނޭވީ އޮފިޝަލަކު ވަނީ ސަބްމެރިންއާ ގުޅުން ކެނޑުނުތާ މާގިނަ އިރެއް ނުވެ އަޑެއް އިވިފައިވާކަމަށް ބުނެފައެވެ. އެއަޑު ވަނީ އެމެރިކާގެ ނޭވީ ސީކްރެޓް ޑިވައިސް އަކަށް ދެނެގަނެވިފައި ކަމަށްވެސް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަބްމެރިން ގެއްލުމާއެކު ހޯދުމުގެ ހާއްސަ އޮޕަރޭޝަން ފަށައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި މަސައްކަތް ކުރިޔަށް ގެންދިޔަ ނަމަވެސް އެއިގެން ދަތުރުކުރި މީހުން ސަލާމަތުން ހޯދޭނެކަމުގެ އުއްމީދު ދިޔައީ ކުޑަވަމުންނެވެ.

ރެސްކިއު އޮޕަރޭޝަން ކުރިޔަށްދިޔަ ދުވަސްތަކުގައި ކަނޑުގެ އަޑިން އަޑުއަޑު އިވުނު ނަމަވެސް އެއީ ސީދާ ކޮން އަޑުތަކެއް ކަމެއް އަދި ޔަގީން ވެފައެއްވެސް ނުވެއެވެ.