އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ހޯދުމަށް ދިވެހި ގައުމީ ޓީމު ޖަޕާނަށް ފުރި ދުވަހު ދިވެހި ނޫސްތަކުގެ ސުރުހީން ފެނުނެވެ. ގައުމީ ކޯޗު އިޓަލީގެ ފްރަންޗެސްކޯ މޮރިއޭރޯ ބުންޏެވެ. އަމާޒަކީ ދިވެހިން ހެއްވައިލުމެވެ. އެކަން ކުރާނަމެވެ. ހިތަށް އެރިއެވެ. މިއޮތީ ވަރަށް ބޮޑު ގޯހެކެވެ. މޮރިއޭރޯގެ ގަސްތަކީ ދިވެހި ރައްޔިތުން ހެއްވައިލުން ކަމަކަށް ނުވާނެއެވެ. ހެވޭނީ ހިނި އަންނާނެ ކަމެއް ކުރީމައެވެ. ހެވޭނޭ ގޮތް ހެދީމައެވެ. އެކަހަލަ ކަންކަން ކުރާ މީހުންނަކީ ހެއްވާ މީހުންނެވެ. ހެއްވަން އުޅޭ ބަޔަކީ އެއީއެވެ. ހިނި އަންނަ ކަހަލަ ވާހަކަ ދައްކައި ހިނި އަންނަ ޒާތުގެ ކަންކަން ކުރަނީ އެމީހުންނެވެ. ފަރަންޖީ ބަހުން ދަންނަވަންޏާ އެއީ ކޮމޭޑިއަނުންނެވެ. އެއީވެސް ވަކި ފަންނެކެވެ.
މިކަން މިހެން އޮތީމާ ގައުމީ ޓީމު ގޮވައިގެން ފުރަމުން ތިމަންނާމެން މިދަނީ ދިވެހި ރައްޔިތުން ހެއްވައިލުމަށޭ ނުބުނާނެތާއެވެ. މޮރިއޭރޯއަކީ ކޮމޭޑިއަނެއް ނޫންވިއްޔާއެވެ. އަދި ދެންތިބީ އޭނާގެ ކައިރިން ދަރިވަރުވާ ކުދިކުދި ކޮމޭޑިއަނުންތަކެއްވެސް ނޫންވިއްޔާއެވެ. ކޮންމެއަކަސް މޮރިއޭރޯގެ ބުނުން އިޓަލީ ބަހުން އިނގިރޭސިއަށް އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ތަރުޖަމާވެގެން ލިޔެވިގެން ނޫސްތަކަށް އެރިގޮތް އެއޮތީ ފެންނާށެވެ. ޔަގީންކުރެވޭ ގޮތުގައި މޮރިއޭރޯ ބުނީ ނުވަތަ ބުނަން އުޅެފައިވަނީ ދިވެހި ރައްޔިތުންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދޭނެ ވާހަކައެވެ. ހެއްވައިލުމާއި އުފާކޮށްދިނުމަކީ މުޅިން ތަފާތު ދެކަމެކެވެ. ބުނަން ގަސްތުކުރާ އެއްޗަކާއި ބުނެވިގެން ތަރުޖަމާވާ އެއްޗެއްގެ ތަފާތު ބޮޑުވީމާ ފަހަކަށް އައިސް މޮރިއޭރޯ ހުންނަނީ ނޫސްވެރިން ފެނުނީމާ ސިހޭވައްތަރު ވެފައެވެ. ވަރަށް ގިނައިން ބުނާނެއެވެ. އިނގިރޭސި ބަހަށް އަހަރެން ވަރަށް ކޮށިވާނެއެވެ.
ދިވެހި ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިފަހުން އަޅުގަނޑާ ދިމާވެފައެއް ނުވެއެވެ. އެއީ ފަހަކަށް އައިސް ދިވެހި ފުޓްބޯޅަޔާ ތަންކޮޅެއް ދުރުގައި އަޅުގަނޑަށް އުޅެވޭކަމުންނެވެ. މިފަހަރު ބެންގަލޫރުގައި އޭނާޔާ ދިމާވީ މުޅިން އަލަށެވެ. އޭނާއަށް އަޅުގަނޑު ތައާރަފުކޮށްދެމުން ގައުމީ ޓީމުގެ މެނޭޖަރު އަބްދު ﷲ ޝިބާއު ވިދާޅުވިއެވެ. މިހިރީ މިކަމުގެ ތެރޭގައި ހޭކިހޭކި ނިކަން ރަނގަޅަށް ކުރަލައިފައި ހުރި މީހެކެވެ. މޮރިއޭރޯ މާބޮޑަކަށް އަޅައެއް ނުލިއެވެ. އެހައިވަރަށް ކުރަލައިފައި ހުރިއްޔާ އަދިމާބޮޑަށް އޭނާގެ ވާހަކަ އޮޅުވައިލާނެ ކަމަށް ބަލައިގެން ކަމަށް ވެދާނެއެވެ. ނުވަތަ ކުރިން ފެނިފައި ނެތް މީހަކަށްވީމާ ޝައުގުވެރިކަމެއް ނެތީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެދުވަހުގެ ޕްރެސްގައިވެސް އިނގިރޭސިބަހަށް ކޮށިކަމުގެ ވާހަކަ ތަކުރާރުކޮށް މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯއާ އަލަށް ދިމާވި ދުވަހުގެ ފަހު ދުވަހު ދިވެހި ނޫހެއްގެ ސުރުހީން ފެނުނެވެ. ގައުމީ ޓީމުގައި އަދިވެސް ތަރުޖަމާނެއް ނެތެވެ. ވަރަށް ބޮޑު ދެރައެކެވެ. ހިތަށްއެރިއެވެ. ވެގެންއުޅޭ ގޮތަކީ މިއީތާއެވެ. ބުނަން އުޅުނު އެއްޗަކާއި ބުނެވުނު އެއްޗަކާއި ނޫސްތަކަށް އަރާއެތިވެސް ދިމާނުވުމުގެ ސިއްރަކީ މިއީތާއެވެ. މޮރިއޭރޯގެ ތަރުޖަމާނަކު ނެތީއެވެ. އިޓަލީ ބަހުން އޭނާ ދައްކާ ވާހަކަ އިނގިރޭސި ބަހަށް ބަދަލުކޮށްދޭނެ މީހަކު ނެތީއެވެ. ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ޖާބިރުވަރު ނުވިޔަސް އަޅުގަނޑަށްވެސް އިޓަލީ ބަހުން ކޮންމެވެސް ވަރަކަށް ތަޅުވަން އެނގެއެވެ. ބޮލުގައި އިސްތަށިހުރި ޒަމާނުގައި ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް ހިސާބަކަށް ހޭކި، ކޭއްތިފައި ހުރުމުގެ ސަބަބުންނެވެ. ދަސްކުރަންވެސް އަދި ވާހަކަ ދައްކަންވެސް ނުހަނު ފަސޭހަ ބަހަކަށްވުމުގެ ސަބަބުންނެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖެ ކުޅޭ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން ކުޅުނު ރަސްމީ ފުރަތަމަ މެޗަކީ ބޫޓާނާ ދެކޮޅަށް ރޭ އިރާކޮޅު ކުޅެވުނު މެޗެވެ. ޓީމަށް ލިބުނީ ކުރިއެރުމެއްތޯ ބަލައި އުފާވެރިކަން ލިބިގަންނަން ދިވެހިންނަށް ލިބުނު ފުރަތަމަ ފުރުސަތަކީވެސް ރޭގެ މެޗެވެ. މެޗު ފެށީވެސް ލަނޑަކުންނެވެ. ނިންމައިލީވެސް ލަނޑަކުންނެވެ. ދޭއްސުމެއްގެ ނަތީޖާއެކެވެ. ދިވެހިރާއްޖެ މޮޅުވީއެވެ. އުފާވެރިކަމާއި ހިނިތުންވުން ލިބެންޏާ ލިބެންވީއެވެ. އެހެން މީހުންގެ ގޮތެއް ދަންނަވާކަށް ނޭނގެއެވެ. ފުރަތަމަ ފަސް މިނެޓު ފިޔަވައި މެޗުގެ ދެން އޮތް ބައިގައި އަޅުގަނޑަށް އިންނަން ޖެހުނީ ނޭވާ ހިފަހައްޓައިގެންނެވެ. ތެދުވެފައި އިށީނދެފައި ތަސްބީހަ ކިޔާހެން ކުދި ކިޔައިފައި މިޒާތަކުންގޮސް ދޮޅުގަޑިއިރު ނިމުނީއެވެ. އަޅުގަނޑުގެ ހަރަކާތްތައް ފެނުނު ކުދިންވެސް ހިތަށް އަރާނެއެވެ. ކޮންފާޑަކަށް އުޅޭ ބޭބެއެއް ބާވައެވެ.
ބޫޓާނު އަތުން މޮޅުވުމަކީ އުފަލެކެވެ. ޝައްކެއްވެސް ނެތެވެ. އެކަމަކު ކުޅުނު ކުޅުން ފެނިފައި ކިތައް ދިވެހިންނަށް ހިނިތުންވުމާއި އުފާވެރިކަން ލިބުނު ބާވައެވެ؟ ސުވާލަކީ އެއީއެވެ. މެޗު ނިންމައިފައި ބޭއްވުނު ޕްރެސްގައި މޮރިއޭރޯއާ އަޅުގަނޑު ސުވާލުކުރީ އޭނާގެ މާދަރީ ބަހުންނެވެ. އޭނާއަށް އެންމެ ރަނގަޅަށް މޭރުންވާނެ ބަހުންނެވެ. ބުނީމެވެ. ބޮނަސޭރާއެވެ. ބާއްޖަވެރި ދުވަހެކެވެ. ގްރާޒިއެ މީއްލެއެވެ. ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ސޮނޮ ފެލީޗޭއެވެ. އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. ސެއި ފެލީޗޭއެވެ. ކަލޭ ތިހިރީ އުފަލުން ހެއްޔެވެ. އޭނާ ވަރަށް ބޮޑަށް ހެވިފައި ހުރެގެން ބުންޏެވެ. ސީ ސީ، ސޮނޮ މޯލްޓޯ ފެލީޗޭއެވެ. އާނއެކެވެ. އާނއެކެވެ. އަހަރެން މިހިރީ ނުހަނު އުފަލުންނެވެ. ޕެންސޯ ކެ ތުއްތި މޯލްޑިވިއާނި ސިއަނޯ ފެލީޗީއެވެ. ހުރިހާ ދިވެހިންވެސް ތިބީ އުފަލުން ކަމަށް އަހަރެން ހީކުރަމެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު