ގެއްލުނު ސަބްމެރިންގެ ބައިތަކެއް ކަނޑުގެ އަޑިން ފެނިއްޖެއެވެ.
އެޓްލާންޓިކް ކަނޑުގެ އަޑީގައި އޮތް ޓައިޓޭނިކް ބަލައިލުމަށް ފަސްމީހުންނާއެކު ދަތުރު ފެށި ކުޑަ ސަބްމެރިން ގެއްލިގެން ހޯދަމުން އަންނަނިކޮށް ސަބްމެރިންގެ ބައިތައް ކަނޑުގެ އަޑިން ފެނިފައިވާކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ވަނީ ޔަގީންކޮށްދީފައެވެ.
ކޯސްޓްގާޑުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ސަބްމެރިން ހޯދުމަށް ކަނޑުގެ އަޑި ބެލުމަށް ބޭނުންކުރި ރޮބޮޓިކް ވެހިކަލަށް ސަބްމެރިންގެ ބައިތައް ފެނިފައިވާކަން ވަނީ ކަށަވަރުވެފައެވެ.
އޮފިޝަލު ވަނީ ސަބްމެރިން އިން ދަތުރުކުރި އެންމެން މަރުވެފައިވާކަމަށް ނިންމިދާނެކަމަށް ވިދާޅުވެފައެވެ. ފަސްމީހުންނާއެކު ދަތުރުކުރި އެ ސަބްމެރިން ކަނޑުގެ އަޑީގެ ޕްރެޝަރު ބޮޑުވެ ފަޅައިގެން ގޮސްފައިވާކަމަށް ލަފާކުރެވޭ ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ލިބިފައި ހުރި ހުރިހާ މައުލޫމާތުތަކެއް އޭގެން ދަތުރުކުރި މީހުންގެ އާއިލާތަކާ ހިއްސާކޮށްފައިވާ ކަމަށާއި އެގޮތުން އެފަސް މީހުން މަރުވެފައިވާ ކަން ވެސް އާއިލާތަކާ ހިއްސާކޮށްފައިވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ސަބްމެރިން އިން ދަތުރުކުރި މީހުންގެ ތެރޭގައި ޕާކިސްތާނުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މިލިއަނަރު ޝަހްޒާދާ ދާވޫދް ހިމެނޭކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ. 48 އަހަރުގެ ޝަހްޒާދާގެ އިތުރުން އޭނާގެ ފިރިހެންދަރިފުޅު، އުމުރުން 19 އަހަރުގެ ސުލައިމާން ވެސް ސަބްމެރިންގައި ދަތުރުކުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގެއްލުނު ސަބްމެރިން އިން ދަތުރުކުރި މީހުންގެ ތެރެއިން ހަމިޝް ހާޑިން އަކީ އިނގިރޭސިވިލާތުގެ ބިލިއަނަރެއްކަމަށް އޭނާގެ އާއިލާއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ ބުނެފައެވެ. ހާޑިންއަކީ މަޝްހޫރު އޭވިއޭޝަން ކުންފުނި އެކްޝަން އޭވިއޭޝަންގެ ޗެއާމަން އެވެ.
ސަބްމެރިން އިން ދަތުރުކުރި ފަސްމީހުންގެ ތެރޭގައި ދެން ހިމެނެނީ ފްރާންސްގެ ކަނޑުއަޑިއާއިބެހޭ ދިރާސާތައް ކުރާ މީހެއް ކަމަށްވާ އުމުރުން 77 އަހަރުގެ ޕައުލް ހެންރީއެވެ. އޭނާ އަކީ އެގައުމުގެ ނޭވީގައި ކޮމާންޑަރެއްގެ ގޮތުގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ މީހެކެވެ.
ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެން ހިމެނެނީ ސަބްމެރިން އޮޕަރޭޓިން ކުންފުނި އޯޝަން ގޭޓްގެ ފައުންޑަރ އަދި ސީއީއޯ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެޓްލާންޓިކް ކަނޑުގެ އަޑީގައި އޮތް ސަބްމެރިން ބެލުމަށް ސަބްމެރިންގައި ފެށި ދަތުރުގައި ކޮންމެ މީހެއްގެ އަތުން 250،000 އެމެރިކާ ޑޮލަރު ނަގާފައިވާކަމަށް ހާމަވެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ