ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމަށް 2023 ވަނަ އަހަރު ހުޅުވާލި ފުރުސަތުގެ ދާއިމީ ނަތީޖާ މިހާރު ވަނީ އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ކަމަށެވެ. ސްޓޫޑެންޓް ލޯނު ވަނީ 1،275 ދަރިވަރަކަށް ލިބިފައެވެ.
ސްޓޫޑެންޓު ލޯނަށް ކުރިމަތިލުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 1،507 ދަރިވަރަކު ވަނީ ކުރިމަތިލައިފައެވެ. މިއަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ސްޓޫޑެންޓް ލޯނަށް ކުރިމަތިލި 1،507 ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވެފައި ވަނީ 1،275 ދަރިވަރެކެވެ.
ސްޓޫޑެންޓް ލޯނަށް މިއަހަރު ހުޅުވާލި އިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ފުރަތަމަ ޑިގްރީ ސްކީމުގައި ކިޔަވަމުންދާ ދަރިވަރުންނަށް އަދި އެދަރިވަރުންގެ އެހެނިހެން ހަރަދުތައް ހަމަޖެއްސުމަށް ވަނީ ސްލޮޓް ކަނޑައަޅައިފައެވެ.
ސްޓޫޑެންޓް ލޯނަކީ ސަރުކާރުން 2019 ވަނަ އަހަރުން ފެށިގެން ދޭން ފެށި ލޯނެކެވެ. ސްޓޫޑެންޓް ލޯނުގެ ދަށުން 3،261 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އެ ލޯނު ދިނުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޮޑަށް އިސްކަން ދެނީ ރާއްޖެއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު