ގެއްލުނު ސަބްމެރިންގެ ހިލަމެއް ވެއްޖެކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

އެޓްލާންޓިކް ކަނޑުގެ އަޑީގައި އޮތް ޓައިޓޭނިކް ބަލައިލުމަށް ފަސްމީހުންނާއެކު ދަތުރު ފެށި ކުޑަ ސަބްމެރިން ގެއްލިގެން ހޯދަމުން އަންނައިރު ރެސްކިއު އޮޕަރޭޝަނަށް ސަބްމެރިން އޮތްތަން ލޮކޭޓް ކުރުމަށް އިތުރު ފަސޭހަތަކެއް ވަނީ ވެފައެވެ.

އެމެރިކާ ސަރުކާރުން ދައުރު ކޮށްފައިވާ ސަރުކާރު ތެރޭ މެމޯއެއްގައި ވާގޮތުން ގެއްލުނު ސަބްމެރިންގައި ތިބި މީހުން އޭގެ އެތެރެއިން ސަބްމެރިންގެ ފާރުގައި ތަޅާ އަޑުކަމަށް ބެލެވޭ އަޑުތަކެއް ރެސްކިއު ޓީމަށް ދެނެގަނެވިފައިވެއެވެ.

ރެސްކިއު ޓީމުތަކަށް ވަނީ ކޮންމެ 30 މިނިޓަކުން އެއަޑު ދެނެގަނެވިފައިކަމަށް ވެސް ބުނެފައިވެއެވެ. ރެސްކިއު ޓީމުތަކުން ބޭނުންކުރާ ސޯނާއަށް އެއަޑު ދެނެގަނެވިފައިވާއިރު ދޭތެރެ ދޭތެރެއިން އެއަޑު އަންނަ ކަމަށް މެމޯގައިވެއެވެ. ސޯނާ ޑިވައިސް އަކީ އޭގެން ކިތަންމެ ދުރުން އަންނަ އަޑުތައްވެސް ހޯދައިގަނެވޭނެ ޓެކްނޮލޮޖީ ހިމެނޭ ޑިވައިސް އެކެވެ.

އެމެރިކާ ސަރުކާރުން ނެރެފައިވާ މެމޯގައި ވާގޮތުން ސަބްމެރިންގެ އަޑު ކަމަށް ބެލެވޭ އަޑު އިވުނުކަމުގައި ވީނަމަވެސް އެއީ ސީދާ ސަބްމެރިންގެ އަޑުކަމަކަށް އަދި ނުނިންމައެވެ.

އެމެރިކާއާއ ގުޅިގެން ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ ކެނެޑާގެ ވައިގެ ސިފައިންނަށް ވަނީ ކަނޑުމަތިން ހުދުކުލައިގެ ހަތަރެސްކަން އެއްޗެއް ފެނިފައެވެ. އެއީ ކޮން އެއްޗެއް ކަން ދެނެގަތުމަށް އެ ސަރަހައްދުގައި މަނަވަރެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރެސްކިއު އޮޕަރޭޝަން އިތުރަށް ފުޅާކޮށްފައިވާއިރު ސަބްމެރިންގައި އެންމެނަށް ނޭވާލެވޭވަރަށް ހުރި އޮކްސިޖަންގެ ނިސްބަތް މަދުވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.