މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ހިންގާ ދެ ޕާކު ކަމަށްވާ، ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގާނެ އަދަދަދުތައް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގާނެ އަދަދަދުތައް ސިޓީ ކައުންސިލުން ފާސްކުރީ މިއަދު ކުރިއަށްގެންދިޔަ އެ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 107 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ.
އެގޮތުން ސިޓީ ކައުންސިލުން ވަނީ ބިދޭސީންގެ އަތުން ފީ ނެގުން ހަތަރު ކެޓަގަރީއަކަށް ބަހާލައިފައެވެ. އެ ހަތަރު ކެޓަގަރީ އަކީ ވޯކް ޕާމިޓް ގެންގުޅޭ ބިދޭސީންނާއި އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީންނާއި ޓޫރިސްޓް ވިސާގައި އުޅޭ ބިދޭސީންނާއި ކެމެރާ ހިފައިގެން އުޅޭ ބިދޭސީންނެވެ.
އޭގެތެރެއިން ވޯކްޕާމިޓް އޮންނަ ބިދޭސީއެއް ނަމަ ކޮންމެ ބިދޭސީއެއްގެ އަތުން އެންޓްރެންސް ފީއަށް ނަގާނީ 15 ރުފިޔާއެވެ. އެއްވެސް ލިޔެކިޔުމެއް ނެތް ބިދޭސީއެއް ނަމަ، 50 ރުފިޔާ ނަގާއިރު ޓޫރިސްޓް ވިސާ އޮންނަ ބިދޭސީންގެ އަތުން 75 ރުފިޔާ އަދި ކެމެރާ ހިފައިގެން އުޅޭ ބިދޭސީންގެ އަތުން 500 ރުފިޔާގެ ފީއެއް ނެގުމަށް މިއަދު ވަނީ ފާސްކޮށްފައެވެ.
ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ނަގާ ފީގެ އަދަދު ފާސްކުރީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 11 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
މި އުސޫލުގެ ދަށުން، ފީ ނެގުން އިސްތިސްނާވާނެ ބިދޭސީން ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، އިސްރަށްވެހިންނާއި ކުޑަކުދިން ބަލަން ގެންގުޅޭ މެއިޑުންނާއި 18 އަހަރު ނުވާ ބިދޭސީ ކުޑަކުދިންނާއި ޑިޕްލޮމެޓިކް ފާސް އޮންނަ ބިދޭސީންގެ އަތުން ޕާކުތަކަށް ވަނުމަށް ފީއެއް ނުނަގާނެއެވެ.
ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީ ނަގަން ފެށުމަށް ކައުންސިލުން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު