އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން ބެހުމަށް ނުފެންނަ ކަމަށް އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ނިންމާފައިވަނިކޮށް އެ ނިންމުން ބަދަލުކުރުމަށް ބައެއް ހިއްސާދާރުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އެއް ބާއްވަން ނިންމައިފިއެވެ.

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި އެމްޓީސީސީގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މޫނުމަތީގެ އަގުން ފަސް ރުފިޔާގެ ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން ހުށަހެޅިއެވެ. އެ ހުށަހެޅުން ފާސްކުރުމަށް ހިއްސާދާރުންގެ ވޯޓަށް އެހުމުން އެ ހުށަހެޅުމާ ދެކޮޅަށް 61 ހިއްސާދާރުން ވަނީ ވޯޓު ދީފައެވެ. އެއްކޮޅަށް ވޯޓު ދީފައިވަނީ 54 ހިއްސާދާރުންނެވެ. އެހެންކަމުން އަގުލަބިއްޔަތުން ނިމުނީ އެ ހުށަހެޅުން ފާސް ނުކުރުމަށެވެ.

ނަމަވެސް ބޯޑު މެންބަރުންނާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ބައެއް ހިއްސާދާރުން ވަނީ އެ ހުށަހެޅުމާ ދެކޮޅަށް އާއްމު ހިއްސާދާރުންގެ ތެރެއިން ގިނަ ބަޔަކު ވޯޓުދިނީ ހިއްސާ ބަހަން ކަނޑައަޅާފައި އޮތް ގޮތް އޮޅުންނުފިލާ އޮތުމުގެ ސަބަބުން ކަމަށް ބުނެ ހިއްސާ ބެހުމަށް އަލުން އެ ޖަލްސާގައި އެޖެންޑާ ކޮށްދިނުމަށް އެދިފައެވެ.

އާއްމު މެމްބަރުންގެ އެ ހުށަހެޅުމަށް ގޮތެއް ނިންމުމަށް އެމްޓީސީސީގެ ބޯޑުން ރޭ ވަނީ 30 ހަކަށް މިނެޓުގެ ބައްދަލުވުމެއް ބާއްވައި އެކަމަށް ގާނޫނީ ލަފާ ހޯދައިފައެވެ. ނަމަވެސް ރޭގެ ޖަލްސާ ތެރޭގައި އަލުން އެ ވޯޓަށް އެހުމަށް ގާނޫނު ތަންނުދޭތީ އެމްޓީސީސީގެ ބޯޑުން ވަނީ ހިއްސާއާ މެދު ގޮތެއް ނިންމަން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާއެއް ނުވަތަ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންއެއް ބޭއްވުމަށް ނިންމައިފައެވެ. އެ ޖަލްސާ ބާއްވާނެ ބާއްވާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި އަހަރު އެމްޓީސީސީގެ ބޯޑުން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅި އަދަދަކީ އެ ކުންފުނީގެ 42 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދެވެ. އެގޮތުން ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ޖުމްލަ 32،150،996 މިލިއަން ރުފިޔާ ހިއްސާދާރުންގެ މެދުގައި ބެހުމަށް ވަނީ ނިންމައިފައެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.47 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަހަރެވެ.