ގްރީސް ކައިރިން ބަންޑުން ޖަހާލި ބޯޓުގެ ވަތުގައި 100 އަށްވުރެ ގިނަ ކުޑަކުދިން ތިބިކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ބުނެފިއެވެ.

ލީބިއާއިން ޔޫރަޕަށް ގަވާއިދާ ހިލާފަށް ހިޖުރަ ކުރާ ބަޔަކު ގޮވައިގެން ދަތުރު ކުރި އެބޯޓު ބަންޑުން ޖަހާލާފައިވަނީ ގްރީސްގެ ހުޅަނގު ދެކުނުން 50 ނޯޓިކަލް ބޭރުންނެވެ.

ގްރީސްގެ ކަނޑުގެ ސަރަހައްދުން ބޯޓެއް ދަތުރުކުރާ ކަމުގެ މައުލޫމާތު ލިބުމާއެކު އެ ގައުމުގެ ކޯސްޓުގާޑުން ވަނީ ބޯޓާ ދިމާއަށް ދަތުރު ފަށާފައެވެ. ނަމަވެސް ބޯޓު ބަންޑުންޖަހާލިއެވެ. މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެބޯޓުން 750 މީހުން ދަތުރު ކުރިކަމަށް އޮފިޝަލުން ބުނެއެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ގްރީސްގެ އޮފިޝަލުން ވަނީ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި 78 މީހުން މަރުވެފައިވާކަމަށް ބުނެފައެވެ.

ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 11 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައިވެއެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ އިންސާނީ ވަގުފާރި ކުރުމުގެ ކުށުގައި ކަމަށް ގްރީސްގެ މީޑިއާއިން މައުލޫމާތު ދެއެވެ.

ބޯޓު ބަންޑުން ޖެހުމާގުޅިގެން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިޔަށްދާއިރު، މަރުވި މީހުންގެ އަދަދުވެސް އިތުރުވާނެކަމަށް އޮފިޝަލުން ބުނެއެވެ.

މިއީ މިހާތަނަށް ޔޫރަޕް ސަރަހައްދުގައި ގަވާއިދާ ހިލާފަށް ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި ހިނގި އެންމެ ބޮޑު ހާދިސާއެވެ.