ގައުމީ އެއާލައިން، މޯލްޑިވިއަނުން ބ. ދަރަވަންދުއަށް އަލުން ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަނުން ދަރަވަންދުއަށް ކުރާ ދަތުރުތަކުގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު ވަނީ ބާއްވައިފައެވެ. ދިގު މުއްދަތަކަށްފަހު މޯލްޑިވިއަނުން ދަރަވަންދުއަށް މިއަދު ބޭއްވި ފްލައިޓުގެ ބައިވެރިންނަށް އެ އެއާޕޯޓުން ވަނީ ސަގާފީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެ ފްލައިޓުގައި މޯލްޑިވިއަން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަންގެ އިސް ބޭފުޅުންވެސް ވަޑައިގެންނެވިއެވެ.
ދަރަވަންދުއަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުން ފާހަގަކުރުމުގެ ގޮތުން އެ އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް، ހަމްދާން މުހައްމަދު ވިދާޅުވީ ދަރަވަންދުއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރުގެ އެއާކްރާފްޓުތައް ކަމަށެވެ. އަދި މި ދަތުރުތައް ފަށައިގަންނަ އިރު، ކޮންމެ ދުވަހަކު މާލެއިން ދަރަވަންދުއަށް ފްލައިޓެއް ބާއްވާނެ ކަމަށާއި ޑިމާންޑަށް ބެލުމަށްފަހު ފްލައިޓުގެ އަދަދު އިތުރު ކުރަމުންގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި އަހަރު ނިމޭއިރު ދަރަވަންދުއަށް ދުވާލަކު ތިން ފްލައިޓު ބޭއްވުމަށް ޕްލޭންކޮށްފައިވާ ކަމަށްވެސް ހަމްދާން ވިދާޅުވިއެވެ.
ދަރަވަންދޫ އެއާޕޯޓް އޮޕަރޭޓް ކުރަނީ އައިލެންޑް އޭވިއޭޝަނުންނެވެ. ނަމަވެސް 2019 ވަނަ އަހަރު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި ދަރަވަންދުއަށް ކުރާ ދަތުރުތަކުގެ ނޯމަލް ފެއާގެ ޓިކެޓެއްގެ އަގު އުޅޭނީ 1،125ރ އަށެވެ. ނަމަވެސް ދުރާލާ ޓިކެޓު ނަގާ ނަމަ، 15-5 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ރޭޓެއްގައި ޓިކެޓު ލިބޭނެއެވެ. އޭރުން އެންމެ އަގުހެޔޮ ފެއާގެ ޓިކެޓުގެ އަގު އުޅޭނީ 840ރ އަށެވެ. އަދި ދަތުރުތައް ފަށާ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަކަށް އަގުހެޔޮ ފެއާގައި ނެގޭނެ ޓިކެޓުގެ އަދަދު އިތުރުވާނެ ކަމަށާއި އޭގެ ފަހުންވެސް އަގުހެޔޮ ފެއާގައި ވިއްކާ ޓިކެޓުގެ އަދަދު އެހެން އެއާލައިންތަކަށްވުރެ އިތުރަށް ލިބެން ހުންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ރާއްޖޭގައި މިވަގުތު 18 އެއާޕޯޓު އޮތް އިރު، މޯލްޑިވިއަނުން އަންނަނީ 17 އެއާޕޯޓަށް ދަތުރުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު