ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ މިންވަރު 3،000 ރުފިޔާއަށް ބޮޑުކޮށް، އިތުރު އެލަވަންސްތަކެއް ދިނުމަށް ނިންމައިފިއެވެ.

މިހާރު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000 ރުފިޔާގެ އިނާޔަތެކެވެ. މިއީ މީގެ 12 އަހަރު ކުރިން ފެށިގެން ދޭން ފެށި އެލަވަންސްއެކެވެ. މިއީ މި ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަޕްތަރުގައި 11،371 މީހުން ރެޖިސްޓާ ކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ މިންވަރު މުރާޖައާކުރައްވައި، އިތުރު އިނާޔަތްތަކެއް ތައާރަފުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރައްވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައިވާކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުންދާ އެލަވަންސް ބޮޑުކުރަން ނިންމާފައިވާކަން އިއުލާން ކޮށްފައިވަނީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް އައްޒާމް ވަޖީހު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ މަރްޔަމް ޝަފީގު އަދި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދާ އެކު ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް މިހާރު ދެމުން އަންނަ އެލަވަންސް 50 ޕަސެންޓާ ހަމައަށް ބޮޑުވާނެ ކަމަށެވެ. އަދި މިމަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ދެމުންގެންދާ އެލަވަންސް ބޮޑު ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

"އަދި ހާލަތަށް ރިއާޔަތްކޮށް ޖުމްލަ 6000 ރުފިޔާ އާ ހަމައަށް އިތުރު އިނާޔަތްތަކެއް ދިނުމަށް އުސޫލެއް އާއްމުކުރެވިގެންދާނެ،" މިނިސްޓްރީން ބުންޏެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކޮށް، އެކި ކެޓަގަރީތަކަށް ބަހާލައިގެން އިތުރު އެލަވެންސްތައް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ކުރިން ލިބެމުން އައި 2،000 ރުފިޔާގެ އިތުރުން މާލީ އިނާޔަތުގެ ގޮތުގައި އިތުރު 1،000 ރުފިޔާ ދެނީ އިތުރު އިނާޔަތުގެ ގޮތުގައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާބާދީގެ 42 ޕަސެންޓަށް މަދުވެގެން 3،000 ރުފިޔާ ލިބިގެންދާނެއެވެ.

އިތުރު އެލަވަންސްގެ ގޮތުގައި އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން ފަރާތަކުން ބަލަހައްޓަން ޖެހޭ ފަރާތްތަކަށް ކެއަރާ އެލަވަންސްގެ ގޮތުގައި އިތުރު 2000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވަނީ ނިންމައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ 25 ޕަސެންޓެވެ. އަދި އެފަދަ ފަރާތްތަކަށް އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުން ކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް އެހީތެރިވުމަށް ސެލްފް ކެއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ 15 ޕަސެންޓެވެ.

މީގެ އިތުރުން އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތިން ފަރާތަކަށް ވުރެ ގިނަ ނަމަ، އިތުރަށް 1000 ރުފިޔާ ލިބިގެންދާނެއެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާބާދީގެ ތިން ޕަސެންޓެވެ. މިހުރިހާ އެލަވަންސް ލިބޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 65 އަހަރުން ދަށުގެ ފަރާތްތަކަށެވެ.