ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއާ މެދު ހިތްހަމަނުޖެހިގެން، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ފިކުރެއްގެ ދިރުމުގެ މަޖިލިސް މެންބަރުންނާއި އިދިކޮޅު މެންބަރުން ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުން، ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ޖަލްސާ ކުރިއަށް ގެންދާނެގޮތެއް ކަނޑައެޅުމަށް މަޖިލިސް ޖަލްސާ މެދުކަނޑާލުމަށްފަހު ދެންމެ ޖަލްސާ ފަށައިފިއެވެ.
ނަމަވެސް މެންބަރުންގެ ހަޅޭކުގެ އަޑެއް މަޑެއްނުވެއެވެ.
ޖަލްސާ ފެށުމަށްފަހު ކުއްލި މައްސަލަ ހުށަހަޅަން ފުރަތަމަ ވެސް ފުރުސަތު ދެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށެވެ. އެހިސާބުން އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް އަޑުލައްވައި އިތުރަށް އަޑުގަދަ ކުރަން ފެއްޓެވިއެވެ. އަދި މަޖިލިސްގެ ނިޒާމު ގެއްލިފައިވާ ކަމަށްވެސް ގޮވަމުންދިޔައެވެ.
މެންބަރު ޝަރީފް ކުއްކި މައްސަލަ ހުށަހަޅުއްވަން ފެއްޓެވި ހިސާބުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލަ ނެންގެވިއެވެ. ފާހަގަ ކުރެއްވީ ކުރިންވެސް ފާހަގަ ކުރެއްވި ނުކުތާއެވެ.
އެގޮތުން އަލީ އާޒިމް ވިދާޅުވީ، ކޮމިޓީތަކުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގައި ބުނާގޮތަށް، އެ މައްސަލަ ސާފުކޮށް އެނގޭ މިންވަރަށް ނޫން ކަމަށެވެ. އެހެންކަމުން އެޖެންޑާއިން އެބައި އުނިނުކޮށް ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އަލީ އާޒިމް އިންޒާރު ދެއްވިއެވެ.
އަލީ އާޒިމްގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި، ހަސަން އަފީފު ވިދާޅުވީ، މަޖިލިސް އެޖެންޑާއަށް މެންބަރުން ހުރުމަތްތެރިކޮށް ހިތުމަށްވެސް މަޖިލިސް ގަވާއިދުގައި ބުނާ ކަމަށެވެ.
އެހިސާބުން އެޖެންޑާ ރަނގަޅު ނޫން ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން އިތުރަށް އަޑުގަދަ ކުރަން ފެށިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު އާއި ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީވެސް ނިޒާމީ މައްސަލައިގެ ގޮތުގައި ފާހަގަ ކުރެއްވީ އަލީ އާޒިމް ފާހަގަ ކުރެއްވި ނުކުތާއެވެ.
އެ މެންބަރުން ވިދާޅުވީ، ކޮމިޓީތަކުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެކަމާބެހޭ މައުލޫމާތު އެބޭފުޅުންނަށް އެނގިވަޑައިގެންފައިނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ޖަލްސާ ކުރިއަށް ގެދަން ބޭނުންނަމަ އެ މައްސަލަ އެޖެންޑާއިން އުނިކުރަން ޖެހޭނެ ކަމަށްވެސް އެ މެންބަރުން ވިދާޅުވިއެވެ.
މިފަހަރު ސަރުކާރަށް ނިސްބަތްވާ މެންބަރުންވެސް ނިޒާމީ މައްސަލަ ނެންގެވިއެވެ.
އެގޮތުން ނިޒާމީ މައްސަލަ ނަންގަވައި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މިވަގުތު މަޖިލިސް ކުރިއަށްދިއުން ނޫން މުހިއްމު ކަމެއް ނެތް ކަމަށެވެ. އަދި ކޮމިޓީތަކުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ އެކަމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ. އަދި "މިތާ އެއް ބަޔަކު މަސައްކަތް ކުރަނީ، ގަދަބާރުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ގަދަބާރުން މިނިވަން ކުރަން ކަމަށާއި އަނެއް ބަޔަކު މަސައްކަތް ކުރަނީ ގަދަބާރުން ރައީސް ނަޝީދު މަޖިލިސް ރައީސްކަމުގައި ބެހެއްޓުމަށް،" ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީވެސް އެމްޑީޕީން ނިޒާމީ މައްސަލަ ނެންގެވިއެވެ.
މުގުނީ ވިދާޅުވީ، އިދިކޮޅު މެންބަރުން އުޅުއްވަނީ ރައްޔިތުންނަށް ހެވެން އެދިގެން ނޫން ކަމަށާއި އެ މަސައްކަތް ކުރައްވަނީ މަޖިލިސް ކޮމިޓީ އެކުލަވާލައިގެން މަޖިލިސް ރައީސް ބޭރުކޯށްފާނެތީ ކަމަށެވެ.
މެންބަރު ޝަފީއު ރިޔާސަތުގައި އިންނެވި އަފީފާ ސުވާލު ކުރެއްވީ، ރިޔާސަތުގައި އިންނެވީ އިހުތިޔާރާއި ބާރުތަކާ އެއްކޮށްތޯ އާއި އެހެން ވެއްޖެނަމަ، އެ ބޭރުތައް ބޭނުން ނުކުރައްވަނީ ކީއްވެގެންތޯ،އެވެ.
ރާއީ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީގެ ހައްގުތަކެއްވެސް އޮންނަ ކަމަށާއި މަޖިލީހުގެ ނިޒާމު ހަމަޖައްސަން ޖެހޭނީ އެ ހައްގުތައް ނުގެއްލޭގޮތަށް ކަމަށެވެ. އަދި އެގޮތަށް ނިޒާމު ކަނޑައަޅައިގެން ޖަލްސާ ހުއްޓާ ނުލައި ކުރިއަށް ގެންދަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖާބިރު ނެންގެވި ނިޒާމީ ނުކުތާގައި ވިދާޅުވީ، އޭނާއަކީ އަހުލާގު ރަނގަޅު މީހެއްކަން މިއަދުގެ ޖަލްސާގެ ކަންތައް ދިޔަގޮތުން އެނގިއްޖެ ކަމަށާއި ކުރިއަށް އޮތް އިންތިހާބު ރައީސް އިބްރާހިމް ސޯލިހު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ވިދާޅުވީ، މަޖިލީހަށް އަންނަނީ މުސާރަ ހަލާލުކުރަން ކަމަށެވެ. ނަމަވެސް ޒާތީ ޒުވާބެއްގައި މަޖިލިސް ކުރިއަށްނުދާ ކަމަށާއި "ލަދުންވެސް ބޯހަލާކުވޭ މިތަނަށް ވަދެވޭތީ ވެސް،" ކަމަށެވެ.
ޖަލްސާގެ އެންޖެޑާއާ ބެހޭގޮތުން މެންބަރުން ފާހަގަ ކުރެއްވި މައްސަލައިގައި، އަފީފު ވިދާޅުވީ ޖަލްސާގެ އެޖެންޑާ ކަނޑައަޅަނީ މަޖިލިސް ރައީސް ކަމަށާއި މިއަދުގެ އެޖެންޑާއަކީވެސް އެގޮތަށް އޮތް އެޖެންޑާއެއް ކަމަށެވެ. އަދި "އަޅުގަނޑަށް ގެންދެވޭނީ މަޖިލިސް ރައީސް ދީފައިވާ އެޖެންޑާއެއް،" ކަމަށްވެސް ވިދާޅުވިއެވެ.
އިދިކޮޅު މެންބަރުން ޖަލްސާއަށް ހުރަސް އަޅަމުން ގެންދަން ފެށުމުން ދެވަނަ ފަހަރަށްވެސް ޖަލްސާ މެދުކަނޑައިލީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އަމިރު، ނެއްގެވި ނިޒާމީ މައްސަލައާ ގުޅިގެންނެވެ. މިފަހަރުވެސް އޭނާ އެދިވަޑައިގަތީ، ޕާޓީތަކުގެ އިސް ވެރިންނާ މަޝްވަރާކޮށްގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ.
އާމިރުގެ ނިޒާމީ މައްސަލަ ބަލައިގަނެ، 10 މިނެޓަށް އަފީފު ޖަލްސާ މެދުކަނޑައިލެއްވިއެވެ. އެއަށްފަހު ޖަލްސާ ފެށި ނަމަވެސް މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ ކުރިއަށް ނުގެންދެވިގެން އަފީފަށް ޖެހުނީ ޖަލްސާ ނިންމަވައިލައްވާށެވެ.
ޚަބަރު
ޚަބަރު
ޚަބަރު