ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން އާބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.

އާބަންކޯ އިން މިއަދު ބުނީ ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި އަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ، މި ދުވަސްވަރު އެކި ސަރަހައްދުތަކުގައި މަދިރި އާލާވެ، އެތަކެތީގެ ސަބަބުން ޑެންގޫ ފެތުރޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އެކަން ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުޅި ހުޅުމާލޭގައި މަދިރި އާލާވުން ނައްތާލުމަށް ފޮގް ކުރަން ފަށާފައިވާ ކަމަށް ބުންޏެވެ.

އާބަންކޯ އިން ބުނި ގޮތުގައި ފޮގް ކުރާނީ ކޮންމެ ދުވަހަކު ވެސް ފަތިހު އާއި، ހަވީރު އެވެ. ހުޅުމާލެތެރެ ފޮގްކުރާއިރު، އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަށް ފޮގް ކުރުމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނައިރު، އެކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ބުންޏެވެ.