ގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވާ ކަމަށާއި ނަތީޖާ ދައްކަން ބޭނުންވަނީ ކޯޓުން ކަމަށް ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނެފިއެވެ.

ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަގުވާމީ ފަސްވަނަ މުބާރާތް، ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ ޗެމްޕިއަންޝިޕް މާދަމާ ފަށާނެއެވެ. މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރާނީ ބޫޓާނާއި ނޭޕާލް، ބަންގްލަދޭޝް އަދި ޕާކިސްތާނެވެ. ރާއްޖޭގެ ޓީމުން ބިދޭސީ ހެޑް ކޯޗު، ސާބިއާގެ ނިމާންޏާ ޖެޑޯވް އިރުޝާދުގެ ދަށުން ޓީމު ތަމްރީނުކުރަމުން ދަނީ ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު ޒިލާލް (ޒިލާ) އާއި ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފަޒްލީ (އޮލިމްޕިކް) ގެ ކޯޗުކަމުގައެވެ.

ޓީމުން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ އިރު، މުބާރާތަށް ތައްޔާރުވާން ދިވެހި ޓީމުން ވަނީ އިންޑިއާގެ ބެންގަލޫރުގެ ޕަޑުކޯން ޑަރައިވް ހައި ޕާފޮމަންސް ފެސިލިޓީއެއްގައި 10 ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަ ކޮށްފައެވެ.

"ރާއްޖޭގެ ފަސްގަނޑުގައި ކުޅޭ ދެވަނަ މުބާރާތް މިއީ، 2017 ވަނަ އަހަރު ފުރަތަމަ އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގުވާމީ މުބާރާތެއް ކުޅެވުނީ. ދެވަނަ މުބާރާތެއް ލިބުނީމަ އަސްލު ވަރަށް އުފާވޭ. އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުމަކީ، ހާއްސަކޮށް ބާސްކެޓަށް ލޯބިކުރާ އެތަކެއް ސަޕޯޓަރުންނެއް ކުރިމަތީގައި ކުޅެން ލިބުމަކީ ގައުމީ ޖޯޝުގެ ކިކެއް އަންނަ ކަމެއް،" ޒަބީ ބުންޏެވެ.

މިއީ 2017 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ފިރިހެން ބާސްކެޓް ބޯޅަ ޓީމުން އަމިއްލަ ގައުމުގައި ކުރިމަތިލާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. ޒަބީ އިއްޔެގެ ޕްރެސްގައި ބުނީ ބެންގަލޫރުގެ ކޭމްޕަކީ ފުރިހަމަ ކޭމްޕެއް ކަމަށާއި ޓީމު އޮތީ ތައްޔާރަށް ކަމަށެވެ.

"އިންޑިއާގެ ބެންގަލޫރުވާނީ މި ސަރައްދުން ބޭރުންވެސް ފެސިލިޓީ ވައިސް އެންމެ ރަނގަޅުތަން. ޗައިނާއަށްވެސް އަޅުގަނޑު ދިޔައިން. ބެންގަލޫރުގެ ފެސިލިޓީއަކީ ހަމަ ސީދާ ބާސްކެޓްބޯޅައަށް ތަމްރީނުކުރާ މަރުކަޒެއް. އެތަނުން ފަރިތަކުރުންތަކާ ރިކަވަރީއާ ރިހެބް ބަޔާއެކު ލިބުނީމަ ވަރަށް ފުރިހަމަ ކޭމްޕަކަށް ކޭމްޕް ވެގެންދިޔަ،" ޒަބީ އިތުރަށް ބުންޏެވެ.

ޒަބީ ބުނީ ރަން މެޑަލް ހޯދުމަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށާއި ގިނަ ވާހަކަތަކެއް ނުދައްކައި ނަތީޖާ ދައްކަން ބޭނުންވަނީ ކޯޓުން ކަމަށެވެ.

"ޓާގެޓަކީ އެއްވަނަ. މީގެ ކުރިން ނޭޕާލް ބޫޓާން އަދި ބަންގްލަދޭޝްއާވެސް ފަހުގެ ތާރީހެއްގައި ކުޅެ ބަލިވެސްކޮށްފައި އޮތީ. ދެން ޕާކިސްތާނާ ކުޅެލަން އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުލިބޭ. ވަރަށް ކުރިން އޮތް ޓީމަކަށް ކުޅެވުނީ ޕާކިސްތާނާ. ވަރަށް ވާދަވެރިވާނެ، ވަރަށް އެއްވަރު ޓީމުތަކެއް މިއޮތީ. ކާމިޔާބީއަށް ވާސިލުވާން ވަރަށް ފުރިހަމަ ޔަގީންކަމެއް އެބައޮތް. (ބިދޭސީ ކޯޗު) ކޯޗު ބުނިހެން އަޅުގަނޑުމެން މާގިނަ ވާހަކައެއް ނުދައްކާ، ކޯޓުން ނަތީޖާ ދައްކަން ބޭނުންވަނީ،" ޒަބީ ބުންޏެވެ.

އިއްޔެގެ ޕްރެސްގައި ވާހަކަ ދައްކަމުން ޒަބީ އިތުރަށް ބުނީ ކޮންމެ ކުޅިވަރެއްގައި ބެލިޔަސް ރާއްޖެއަކީ ހުނަރުގެ ގޮތުން އެންމެ ރަނގަޅު ކުޅުންތެރިން ތިބި ގައުމަށް ވާނެ ކަމަށާއި ކުރިން އޮންނަނީ ފިޒިކަލީ އޮންނަ ޗެލެންޖް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ބާސްކެޓްގައި "ފިޒީކް ވައިސްކޮށްވެސް، ބިޔަ ކުޅުންތެރިން، ބާސްކެޓަށް ރަނގަޅު ކުޅުންތެރިންތަކެއް ތިބި" ކަމަށް ޒަބީ ބުންޏެވެ. އަދި ކޭމްޕުންވެސް ފާހަގަކުރެވުނީ މި "ރިވޮލިއުޝަން" ބާސްކެޓަށް ރަނގަޅުވާނެ ކަމަށް ކަމަށްވެސް ޒަބީ ފާހަގަކުރިއެވެ.

ސަޕޯޓަރުންނަށް ދޭނެ މެސެޖެއްގެ ގޮތުގައި ޒަބީ ބުނީ "ޓީމުން ރަން މެޑަލްއަށް ހިތްވަރު ލާނެ" ކަމަށެވެ. އަދި ސަޕޯޓަރުންގެ ކިބައިން އެދުނީ "ގައުމީ ރޫހުގައި ގައުމީ ޓީމަށް" ސަޕޯޓު ކޮށްދިނުމަށެވެ.