ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ގާއިމުކުރި ހެލްޕްލައިން، 1484 މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ހެދުނު ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހެލްޕް ލައިން އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހެލްޕްލައިނަކީ އެޑިޔުކޭޝަން މިނިސްޓްރީން އިސްނަގައިގެން، ޔުނިސެފާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާ އެކު ގާއިމުކުރި ހެލްޕްލައިނެކެވެ. މިހެލްޕްލައިންގައި މަސައްކަތް ކުރާ ކައުސިލަރުން ތަމްރީން ކުރުމާއި ހެލްޕްލައިން ހިދުމަތް ފޯރުކޮށްދޭނެ އުސޫލުތައް އެކުލަވާލުމުގައި ދިވެހި ރެޑްކްރެސެންޓުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމަށް ގާއިމުކުރި މި ހެލްޕްލައިން، 1484 ބޭނުން ކުރާނީ ހަމައެކަނި ދަރިވަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށް ކަމަށާއި ސިއްހީ ކުއްލި ހާލަތްތަކުގައި މި ހެލްޕްލައިން ބޭނުން ނުކުރާނެ ކަމަށެވެ. އަދި މި ހެލްޕްލައިންގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަދު އިފުތިތާހު ކުރި މިހެލްޕްލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާއިމުކުރި މިފަދަ ފުރަތަމަ ހެލްޕްލައިނެވެ.
މިނިސްޓްރީން ބުނީ މި ހެލްޕްލައިން މެދުވެރިކޮށް ދަރިވަރުންނަށް ނަފުސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރާނީ އެކަމަށްޓަކައި ހާއްސަކޮށް ތަމްރީންކޮށްފައިވާ ސްކޫލްތަކުގައި މިހާރު ތިއްބެވި ކައުންސިލަރުން ކަމަށެވެ. އަދި މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ހިދުމަތް ހޯދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު