ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ، ރައްޔިތުންގެ މަޖިލިސް ހައިޖެކް ކޮށްފައިވާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތަށް ނަޝީދު ހަވާލުވެވަޑައިގަންނަވަން ދެކޮޅު ހެއްދެވުމުން، މިއަދުގެ ޖަލްސާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑަނޭޅެނީސް، ޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެ، ޖަލްސާ މެދުކަނޑާލައްވާފައިވާތީއެވެ.
ރޮޒައިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން ރިޔާސަތަށް އަރައިވަޑައިގަންނަން އުޒުރުވެރިވެރިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް މުސާރައާއި އިނާޔަތްތައް ބޭނުން ކުރައްވަން އުޒުރުވެރިވެވަޑައި ނުގަންނަވާ ކަމަށެވެ.
"އިތުބާރުނެތް ރައީސަކާއި ނައިބު ރައީސެއް މަގާމުގައި ބަގުޑި ބައްދައިގެން މަޖިލިސް ހައިޖެކް ކޮށްފި. އިސްތިއުފާއެއް ނުދެއްވާ،" ރޮޒައިނާ ވިދާޅުވިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީއާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދުނު ބޮޑު ދެބަސްވުމަށްފަހު، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީވެސް އެ މައްސަލަ އެކަންޏެވެ.
ޖަލްސާ ފެށޭ ގަޑި ޖެހުނު އިރުވެސް ރިޔާސަތަށް އެއްވެސް ބޭފުޅަކު ވަޑައެއް ނުގަންނަވައެވެ.
މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަން އިއުލާން ކުރައްވަމުން އަމީން އާއްމު ނިއުޝާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނަމަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވާ ކަމަށެވެ.
އެހެންކަމުން ނައިބު ރައީސް އީވާ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެޖަލްސާގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ، (12 ޖޫން) ގައި ފޮނުވި ސިޓީއަކުން ދެންނެވި ކަމަށްވެސް ނިއުޝާ ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ، މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެ ވަޑައިގަންނަވާކަން އިއްޔެ އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވުމަށް އުޒުވެރިވެވަޑައިގެންފައި މިވަނީ، އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފައިވާތީ ކަމަށް ވިދާޅުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު