ރާއްޖޭގައި ފެށުމަށް ތައްޔާރުވެފައިވާ އިންވިޓޭޝަނަލް ފައިވް ނޭޝަންސް ބާސްކެޓް ބޯޅަ މުބާރާތް އިއްޔެ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހެންވޭރު ބޯޅަ ގޭގައި ބޭއްވި ހާއްސަ އިވެންޓްގައި އިއްޔެ މުބާރާތް ރަސްމީކޮށް އިއުލާނުކުރައްވައި، ތައާރަފުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. އިއްޔެގެ އިވެންޓްގައި ގައުމީ ޓީމުގެ ކޯޗިން ޓީމުގެ އިތުރުން އެސޯސިއޭޝަންގެ ރައީސް ރައީސް އަހުމަދު އާދަމް (އެޑަމް) ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މާދަމާއިން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް މާލޭގެ އެކުވެނީ ކޯޓުގައި ބާއްވާ މުބާރާތުގައި ރާއްޖޭގެ އިތުރުން ސަރަހައްދީ ހަތަރު ގައުމަކުން ވާދަކުރާނެއެވެ. އެއީ ބަންގްލަދޭޝް، ބޫޓާން, ޕާކިސްތާން އަދި ނޭޕާލެވެ.

މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭގެ ޓީމުން ދާދިފަހުން އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަޑުކޯން ޑްރާވިޑް ސެންޓާ ފޯ ސްޕޯޓްސް އެކްސަލަންސް ހައި ޕާފޯމަންސް ސެންޓަރުގައި 10 ދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ އިރު، އިއްޔެ މިނިސްޓަރު މަހުލޫފް ވިދާޅުވީ މިއަހަރުގެ ފަސްވަނަ ބައިނަލްއަގުވާމީ މުބާރާތަކަށް ފިރިހެން ބާސްކެޓް ބާއްވަން ނިންމީ، ފިރިހެން ބާސްކެޓް ޓީމް އައިއޯއައިޖީގައި ވާދަ ނުކުރާތީ ކަމަށެވެ.

"ކުޅުންތެރިންނާއި އެސޯސިއޭޝަނުންވެސް މަޝްވަރާކުރުމަށްފަހު އަޅުގަނޑުމެން ނިންމީ ރާއްޖޭގައި މިފަހަރު ބާއްވާނީ ފިރިހެން އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތެކޭ. ސަބަބަކީ އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަނާވެސް ވާހަކަ ދައްކައި ނިންމާފައި ވަނީ ފިރިހެން ޓީމު އައިއޯއައިޖީއަށް މިއަހަރު ނުދާ ގޮތަށް ކަމަށްވާތީ. އެއީ އެހެން ޓީމުތަކުގެ ލެވެލްއަށްވެސް ބަލައި، މާ ބޮޑަށްވެސް ވަރުގަދަވުމާއެކު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފް ވިދާޅުވީ އުންމީދަކީ ސަރަހައްދީ ޓީމުތަކާ ވާދަކޮށް ރާއްޖެއިން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށާއި ސަޕޯޓަރުންގެ ތަރުހީބާއެކު ޓީމަށް ދެވޭ ހިތްވަރުން ނަތީޖާ ތަފާތުވާނެ ކަމަށެވެ. އެ މަންޒަރު އެކުވެނީ އިންޑޯގައި އެންމެފަހުން ކުޅުނު އަންހެން ވޮލީގެ ފޯ ނޭޝަންސް މުބާރާތުންވެސް ފެނުނު ކަމަށް މަހްލޫފް ފާހަގަކުރެއްވިއެވެ.

ބާސްކެޓް ބޯޅަ އެސޯސިއޭޝަންގެ އެޑަމް އިއްޔެ ވިދާޅުވީ ފެބްރުއަރީ މަހުން ފެށިގެން ޓީމުގެ ތައްޔާރީތައް ކުރިއަށް ގެންދަމުންދާ ކަމަށާއި މުބާރާތަށް ތައްޔާރުވާން އެކިއެކި ގޮތްގޮތުން ޓީމަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއްވެސް ކޮށްދީފައިވާނެ ކަމަށެވެ. އަދި ސަރަހައްދީ ޓީމުތައް ޔަގީންވި ހިސާބުން މުބާރާތަށް ފުރިހަމައަށް ތައްޔާރުވެ، މުބާރާތް ރޭވުމުގައި ބުރަ މަސައްކަތްތަކެއް ޔޫތު މިނިސްޓްރީއާ އެކު ކުރެވިފައިވާނެ ކަމަށްވެސް އެޑަމް ވިދާޅުވިއެވެ.

އިއްޔެގެ ޕްރެސްގައި ރާއްޖޭ ފިރިހެން ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު ކޯޗިން ޓީމުގައި ހިމެނޭ މުހައްމަދު ޒިލާލް (ޒިލާ) ބުނީ ތައްޔާރީތައް ދިޔައީ ފުރިހަމަކޮށް ކަމަށާއި ބިދޭސީ ހެޑް ކޯޗުގެ ލަފާގެ މަތިން އިންޑިއާގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކުން ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށެވެ. އަދި އުންމީދަކީ މުބާރާތުގެ އެއްވަނަ ރާއްޖެއަށް ހޯދައިދިނުން ކަމަށެވެ.

މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނަ އިރު، ޓީމުގެ ކެޕްޓަނަކީ އަހުމަދު ޒަބީރު (ޒަބީ) އެވެ. އިއްޔެގެ ޕްރެސްއަށްފަހު މީޑިއާތަކާ ވާހަކަ ދައްކަމުން ޒަބީ ބުނީ ރަން މެޑަލްއެއް ހޯދުމަށް ބޮޑު އުންމީދެއް ޓީމަށް އެބައޮތް ކަމަށެވެ.

މުބާރާތުގެ އިންތިޒާމުތަކަށް އެސޯސިއޭޝަނުން މަސައްކަތްކުރަމުންދާ އިރު، ރައީސް އެޑަމް ވިދާޅުވީ ހަތް ރެފްރީން ގައުމުން ބޭރުން ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތިން ރެފްރީންނަކީ ސަރަހައްދުން ބޭރުގެ ރެފްރީން ކަމަށްވެސް އޭނާ އިއްޔެ ފާހަގަކުރެއްވިއެވެ.

މުބާރާތަށް ޓީމުތައް އަންނާނީ މިއަދާއި މާދަމާއެވެ. ޕާކިސްތާނުން ބޮޑު މެދުކެނޑުމަކަށްފަހު ބައިނަލްއަގުވާމީ ބާސްކެޓް މެޗުތަކެއް ކުޅެން ތައްޔާރުވާ އިރު، އެ ގައުމުން މާދަމާ ރާއްޖެ އަންނަ އިރު، އަނެއް ގައުމުތަކުން މިއަދު ރާއްޖެ އަންނާނެއެވެ. ރާއްޖޭގެ ޓީމުން މިއަދު މުބާރާތަށް ކޭމްޕް ކުރާނެއެވެ.