ރާއްޖެއާއި ސީޝެލްސްއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރު ފަށަން ނިންމައި ދެ ގައުމުގެ ރައްޔިތުންނަށް ވިސާގެ ލުއިތަކެއް ދޭން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

އެ ރަސްމިއްޔާތުގައި ޖުމުލަ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދު ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުތައް ފެށުމުގެ އެއްބަސްވުމަކާއި ދެ ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމުގެ އެއްބަސްވުމެއްގެ އިތުރުން ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި ދެ ގައުމުގެ ދެމެދުގައި އިލްމާއި ތަޖުރިބާއާއި ވަސީލަތްތައް ހިއްސާކޮށް، ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާ ނެގުމަކާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެވުނު އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިނގާ މުއާމަލާތްތައް އިތުރުކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ތަޖުރިބާއާއި މައުލޫމާތު ހިއްސާކުރުމާ ގުޅޭ ގޮތުންނާއި ދެ ގައުމުންވެސް މި މި ސިނާއަތުގައި ގެންގުޅޭ މަސައްކަތުގެ ވައްޓަފާޅިން ތަޖުރިބާ ލިބިގަނެވޭނެ ގޮތްތަކާމެދު ރައީސް ރާމްކަލާވަންއާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"އިގުތިސާދާއި ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ހިނގާ އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށާއި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރު އިތުރުކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރު ކުރުމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމަށް އަޅުގަނޑުމެން ވާނީ އެއްބަސްވެފައި،" ރައީސް ވިދާޅުވިއެވެ.