ކ. ގުރައިދޫގައި ގާއިމްކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ބެލުމުގެ ދަށުގައި ހުރި ބަލި މީހެއްގެ އެކައުންޓުން އެތަނުގެ މުވައްޒަފަކު ވައްކަން ކުރި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މައްސަލަ ބަލައި ނިމެންދެން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެއީ އެ މަރުކަޒުގެ އެސިސްޓެންޓް ސްޕަވައިޒަރެއްގެ މަގާމުގައި ހުރި ހަސަން ޒަރީރުއެވެ. އޭނާ ވަނީ އެ މަރުކަޒުގެ ބެލެމުގެ ދަށަށް ގެންދިޔަ ބަލި މީހާގެ އަތުން 7،000 ރުފިޔާ ވަގަށް ނަގައިފައެވެ. އަދި އޭނާ ވަނީ ބަލި މީހާގެ ކޭޝް ކާޑު ބޭނުންކޮށްގެން ބޭންކު އެކައުންޓުން އޭޓީއެމް މެދުވެރިކޮށް ތަކުރާރުކޮށް ފައިސާ ނަގައިފައެވެ. ނަމަވެސް އެ އެކައުންޓުން އޭނާ ނެގި ޖުމްލަ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވެއެވެ.
މިނިސްޓްރީގެ އޮފިޝަލު ވިދާޅުވީ މި މައްސަލަ ބަލައި ނިމުމުން އޮންނަ އުސޫލުގެ ދަށުން މުވައްޒަފާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ، ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ގުރައިދޫގައި ހުންނަ މި މަރުކަޒުގައި މި ވަގުތު ހާއްސަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ 191 މީހުން ބަލަހައްޓަމުންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު