މީހުން އަތުން ފައިސާ ނަގައިގެން އިންޓަނެޓުގައި ޓްރޭޑްކުރި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ގެ ޑިރެކްޓަރުންގެ މުދާ ހިފަހެއްޓުމުގެ އަމުރު ނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.
މިއީ ކިންގްސްއިން ފައިސާތަކެއް ދޭން، ސިވިލް ކޯޓުން ކުރި އަމުރާ އެއްގޮތަށް އެ ފައިސާ ދީފައި ނުވާތީ، ރ. ރަސްމާދޫ، ނަސީމީވިލާ އިސްމާއީލް އަނީސް ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ހިންގި "ކޮޕީ ޓްރޭޑިން ސްކީމް"އަށް އިންވެސްޓު ކުރި ފަރާތެއް ކަމަށްވާ އިސްމާއީލް އަނީސް އަށް 90،000 ރުފިޔާ ދިނުމަށް ކިންގްސް ކުންފުނީގެ މައްޗަށް މެއި މަހުގެ 15 ގައި ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ ފައިސާ ހޯދަށް، އަނީސް ހުށަހެޅި މައްސަލައިގައި ބުނީ، އޭނާ އާއި ކިންގްސް ކުންފުންޏާ ދެމެދު ވެފައިވާ ކިންގްފޮރެސްޓީ އޮންލައިން ކޮޕީ ޓްރޭޑާއަކަށް ވުމުގެ އެއްބަސްވުމުގައިވާ ގޮތަށް އިންވެސްޓު ކުރި ފައިސާ ލިބެމުން ނުދާ ކަމަށެވެ. ފައިސާ އަނބުރާ ދިނުމަށް އެދުމުން، ފައިސާ ދޭނެކަމަށް ކިންގްސް ކުންފުނިން ބުނި ނަމަވެސް އެ ފައިސާ ލިބިފައި ނުވާ ކަމަށެވެ. އެހެންވެ ކިންގްސް ކުންފުނިން އޭނާއަށް ލިބެން ޖެހޭ 90،000 ރުފިޔާ ނަގައިދިނުމުގެ އަމުރަކަށް އަނީސް އެދުނެވެ.
އެ މައްސަލައާ ގުޅިގެން ކިންގްސް ކުންފުންޏަށް ލިޔެކިޔުންތައް ރައްދުކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެޑްރެސް ނޭނގުމުގެ ސަބަބުން ލިޔެކިޔުންތައް ރައްދު ކުރެވިފައިނުވާތީ، ކިންގްސް ކުންފުނީގެ ގައިރު ހާޒިރުގައި އެ މައްސަލައިގެ ހުކުމްކޮށްދިނުމަށް އަނީސް އެދުނެވެ.
އަނީސް އެދުނު ގޮތަށް ސިވިލް ކޯޓުން، ކިންގްސް ކުންފުނީގެ ގައިރު ހާޒިރުގައި، 90،000 ރުފިޔާ އަނީސްއަށް ދިނުމަށް ކިންގްސް ކުންފުނީގެ މައްޗަށް އަމުރުކުރިއެވެ. އެ ހުކުމުގައި ވަނީ ގައިރު ހާޒިރުގައި ހުކުމްކުރަން ނިންމީ އެގޮތަށް ހުކުމްކުރަން ޖެހޭ އިޖުރާއަތްތަކާއި އަދި މަދަނީ އިޖުރާއަތުގައި ގައިރު ހާޒުރުގައި ހުކުމް ކުރެވޭނެ ހާލަތްތައް ރިއާޔަތްކޮށް، އެ ކަންކަމާ ހިލާފުނުވާ ގޮތަށް ކަމަށެވެ.
ހުކުމްގައި ވަނީ އެ ފައިސާ ހަފުތާއެއްގެ ތެރޭގައި ދިނުމަށް އަމުރުކޮށްފައެވެ.
މި މައްސަަލައަކީ އެ މުއްދަތުގައި ފއިސާ ދައްކާފައި ނުވާތީ، ކިންގްސްގެ ޑިރެކްޓަރުންގެ މުދާ ހިފެހެއްޓުމުގެ އަމުރަކަށް އެދި އަނީސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި އޭނާ ކޯޓުގައި އެދިފައިވަނީ އެ ފައިސާ ދައްކާ ނިމެންދެން ކުންފުންޏާއި އެތަނުގެ ޑިރެކްޓަރުންގެ މުދަލާއި އާމްދަނީ އަދި ބޭންކް އެކައުންޓުތައް ފްރީޒްކޮށްދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމި ނިންމުމުގައި އަނީސް އެދިފައިވާގޮތަށް އެ ކުންފުންޏާއި އެތަނުގެ ޑިރެކްޓަރުންގެ މުދަލާއި އާމްދަނީ އަދި ބޭންކް އެކައުންޓުތައް ހިފެހެއްޓުމުގެ އަމުރެއް ނެެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު