މިރޭ ނިމިގެންދިޔަ އެފްއޭއެމް އިންޓަ ސްކޫލް 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދައިފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ކަލާފާނުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ޝަރަފުވެރިކޮށްދިން މެޗުގައި ކަލާފާނުން ވަނީ މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފައްދާ ފަސޭހަކަމާއެކު ޗެމްޕިއަންކަން ހޯދައިފައެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ކަލާފާނުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެޓީމަށް ލީޑު ނަގައިދިނީ އީހާން އިބްރާހީމެވެ. އޭގެ ފަހުންވެސް ފުރަތަމަ ހާފުގައި މެޗު ޑޮމިނޭޓްކޮށް ކުޅުނީ ކަލާފާނުންނެވެ. ފުރަތަމަ ހާފުގައި ކަލާފާނުން ލީޑު ފުޅާކުރުމަށް ކުރި މަސައްކަތުގައި ރަނގަޅު ހަމަލާތަކެއްވެސް އުފައްދާފައިވާ އިރު، ނުވަ ވަނަ މިނެޓުގައި ކައުންޓާ އެޓޭކް ފުރުސަތެއްގައި އީހާން ފޮނުވާލި ހަމަލާ މަތަކޮށް ބޭރުކޮށްލީ އަހުމަދިއްޔާތުގެ ގޯލު ބަލަހައްޓަމުން ދިޔަ މުހައްމަދު އަރާން ޝަމީމެވެ.

އޭގެ ފަހުންވެސް އީހާނަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އިރު، މެޗުގައި މޮޅަށް ކުޅުނު ކަލާފާނުގެ ކެޕްޓަން ހުސައިން އިލްހާމް އިބްރާހީމް ޖެހި ބާރު ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔައީ މަތިންނެވެ. ހާފު ނިމެން ދަނިކޮށް ކަލާފާނުގެ މުހައްމަދު ވިފާގު ޖާދުﷲ ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހި ބޭރަށް ގޮސްފައިވާ އިރު، އަހުމަދިއްޔާއަށް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.

ކަލާފާނުން ވަރުގަދަކޮށް ފުރަތަމަ ހާފު ނިންމާލައި، ދެވަނަ ހާފު ފެށީވެސް އެ ރޫހުގައެވެ. ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައި އެޓީމުން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. 25 މިނެޓުގެ ދެ ހާފު ކުޅޭ ގޮތަށް ކުޅެމުންދިޔަ ފައިނަލް މެޗުގެ 45 ވަނަ މިނެޓުގައި ކަލާފާނުގެ އިލްހާމް ވަނީ ހިތްގައިމު ގޯލަކާއެކު އެޓީމުގެ ނަތީޖާ ފުޅާކޮށްފައެވެ. އިލްހާމް އެ ގޯލު ޖެހީ އަރިމަތިން ކުރިއަށް ޖެހި، ޑިފެންޑަރުވެސް ނައްޓާލައި، އަހުމަދިއްޔާ ގޯލްކީޕަރުވެސް ނައްޓާލައިފައި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އޭގެ އިރުކޮޅެއް ފަހުން ކޯނަރަކަށް ކުރިއަށް އަރައި ކަލާފާނުގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ތަށި ޔަގީންކޮށްދިނީ ޑިފެންޑަރު މުހައްމަދު ނަޝަމް ނިޔާޒެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި މަގާމުތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވާ އިރު، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ކަލާފާނުގެ އިލްހާމެވެ. އޭނާއަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބިފައިވާ އިރު، އިލްހާމް ވަނީ މުބާރާތުގައި ޖުމުލަ 13 ގޯލު ޖަހައިފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކީ މަޖީދިއްޔާ ސްކޫލެވެ. އެންމެ މޮޅު ކޯޗަކީ ކަލާފާނުގެ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) އެވެ.