ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިގަންނަ ކަމަށް ވިދާޅުވެ, މަޖިލީހުގެ ރައީސް, ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލިސް ރައީސް ނަޝީދުގެ ކޮއްކޮ އީވާ އަބްދުﷲ އިތުބާރު ނެތްކަމުގެ މައްސަލައާއި ހުދު، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ވައްދައިފައެވެ.

ނަމަވެސް މަޖިލީހުގެ ކޮމްޕޮސިޝަނަށް އައި ބަދަލާއެކު މަޖިލީހުގެ ގިނަ ކޮމިޓީތައް ވަނީ ހުއްޓިފައެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލަތަކާ ގުޅޭ އާއްމު ކޮމިޓީވެސް ހިމެނެއެވެ. މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމެއް ނުބޭއްވި ވަނީ، އެއީ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ނުގެންދިއުމަށް މަޖިލިސް ރައީސް ނަޝީދު އެންގެވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީތައް ނުބާއްވަން އެންގެވީ، 12 މެންބަރުން އެމްޑީޕީން ވަކިވުމާއި އަމިއްލަ ގޮތުން މަޖިލީހަށް އިންތިހާބުވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން، ސިޔާސީ ޕާޓީތަކުގައި މެންބަރުން ހިމެނޭ ގޮތަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ކޮމިޓީތަކުގައި މެންބަރުން ހިމެނެން ޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.

ނަމަވެސް އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަބަދުވެސް ދެމި އޮންނާނެތީ، އާންމު ކޮމިޓީގެ ބައްދަލުވުން އަމީން އާއްމު އިންތިޒާމު ކުރައްވަންޖެހެއެވެ. އަދި އެކަން ނުކުރެއްވުމަކީ އޭނާ މަޖިލީހުގެ ގަވާއިދާ ހިލާފުވުން ކަމެއް ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުންނާއި އާންމުން ސޯޝަލް މީޑިއާގައި ނިއުޝާއަށް ދަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެކަމާ ގުޅިގެން ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމަށާއި ކައުންސެލް ޖެނެރަލަށް މުސްތަގިއްލު ކަމެއް ދީފައިވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަދަރާއި ޝަރަފު އަމީން އާންމު ހިފަހައްޓަންޖެހޭ ކަމަށެވެ.

އަދި މަޖިލީހުގެ ގަވާއިދާ ގުޅޭގޮތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭ ހާއްސަ ވަގުތުތަކެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ, އެފަދަ މައްސަލައެއް ލިބުމުން ކަންކަން ހިންގަންޖެހޭނެ އުޖުރާއަތުތައް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެގޮތްތައް ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށް ބުނެދިނުމުގައި ގާނޫނީ ލަފައާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށްވިޔަސް, އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު މާނަކުރުމުގެ ގާނޫނީ އެހީތެރިކަމާއި މަޝްވަރާ ހޯދެން އޮތީ ކައުންސެލް ޖެނެރަލްގެ ކިބައިންކަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ,"

ނަޝީދުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެދުގައި އަދި ބައެއް މަޖިލީހުގެ މެންބަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އުފެދިފައި އޮތް ނަމަވެސް ގާނޫނީ ދައުލަތެއް ހިންގުމަކީ ކޮންމެ ރައްޔިތެއްގެވެސް އަދި މަޖިލީހުގެ އެންމެ މެންބަރުންގެވެސް ވާޖިބެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމާއި އެހެނިހެން އޮފިޝަލުންގެ ގަދަރާއި އިއްޒަތަށް އަރައިގަތުމުގެ ޖާގަ އެއްވެސް މިންވަރަކަށް ދެވިގެން ނުވާނެ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.