އައްޑޫ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ޓެކުހުން ލުއިތަކެއް ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށްގެންދާ ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުތަކާ ގުޅޭ ގޮތުން ހަމްދާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަންކެޑެ މަޝްރޫއު ޑިޒައިންކޮށްފައި ވަނީ ވީހާވެސް ގިނަ އިގުތިސާދީ ފުރުސަތުތައް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށް ކަމަށެވެ.

އަދި ހަންކެޑެގައި ތަރައްގީކުރެވޭ ކޮންމެ ވަސީލަތަކީ ވަކިވަކި ވިޔަފާރިތަކަށް ކުއްޔަށް ދީގެން ވަކިން ހިންގޭނެ ތަންތަން ކަމަށާއި އެ މަޝްރޫއުގެ ކޮންޓްރެކްޓް ތެރޭގައި އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގައި 75 ކޮޓަރީގެ ހަތަރު ގެސްޓްހައުސް ތަރައްގީކުރުން ހިމަނާފައިވާއިރު އެއީ އިތުރު 300 ކޮޓަރި ކަމަށް ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ މީހުން ދިރިއުޅޭ ރަށްތަކުން ގެސްޓްހައުސް ތަރައްގީކުރުމަށް ދޫކުރެވުނު ބިންތަކުގައި އެސްޑީއެފްސީ މެދުވެރިކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެސްޓްހައުސް އެޅުމުގެ މަޝްރޫއެއް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.

"15-20 އަހަރުގެ މުއްދަތެއްގައި އަނބުރާ ފައިސާ ދައްކާގޮތަށް ކުރިއަށް ގެންދާ މި މަޝްރޫއުގައި ބައިވެރިވުމަށް 44 ފަރާތަކުން 58 ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭ. ޓޫރިސްޓް އެނދުގެ އަދަދުން ބަލާނަމަ އެއީ 2،870 އެނދު ހިމެނޭ މަޝްރޫއެއް" ހަމްދާން ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނިން ގަމުގައި ހުންނަ ދޫގަސް އަލުން ތަރައްގީކުރުމުގެ މަޝްރޫއަށް ކޮންޓްރެކްޓަރެއްވެސް ހޯދާފައިވާ ކަމަށާއި ދޫގަސް ވެގެންދާނީ 130 ކޮޓަރީގެ ޒަމާނީ ހޮޓަލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ތެރެއިން ގަމުގައި އިތުރު 50 ކޮޓަރީގެ ހޮޓަލެއް ތަރައްގީކުރުމަށް ހިމަނާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އޭއައިއޭގެ ޕްރައިވެޓް ޝެއާހޯލްޑާގެ އެހީތެރިކަމާއެކު ފައިސާ ހަމަޖެހިފައިވާ ދޫގަސް މަޝްރޫއުގައި ވަރަށް އަވަހަށް ސޮއިކުރެވޭނެ...މީގެ އިތުރުންވެސް އައްޑޫގެ ޓޫރިޒަމްގެ އިތުރުން މުޅި އިގުތިސާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދިނުމުގެ ގޮތުން އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން،" ހަމްދާން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ހިންގަމުންދާ ރިޒޯޓުތަކަށް އެހީތެރިވެދިނުމުގެ ގޮތުން ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސަރުކާރުން ސީދާ އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް އިންޓަވެންޝަނެއް ހަދަންޖެހޭ ކަމަށް ދެކި، އިންވެސްޓްކުރަން ނިންމައި ސަރުކާރުން މަޝްރޫއުތަކެއް ރާވައި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އެގޮތުން ރިޒޯޓު ތަރައްގީކުރުމަށް 8.3 ހެކްޓަރުގެ tތިން ރަށާއި ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި ރަށްތަކުން 500 ކޮޓަރި ބާޒާރަށް ނެރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށްތައް އުފައްދައި ނިމެންވާއިރަށް ކުއްޔަށް ދޫކުރުމުގެ ކަންކަން ސަރުކާރުން ކުރަމުންގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަމްދާން ވިދާޅުވީ އައްޑޫގައި ސަރުކާރުން އިންވެސްޓްކުރާ މަޝްރޫއުތައް ނިމުމުން ޝަންގްރިލާ ހިމަނައިގެން އައްޑޫގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ 1،528 އެނދުގެ އިތުރަށް ގާތްގަނޑަކަށް 7،000 އެނދު އިތުރުކުރެވިގެންދާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.