ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ.

ރާމްކަލާވަން އާއި އަނބިކަނބަލުން އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވެލާނާ އިންޓަނޭޝަނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުހަބާ ދެންނެވުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު އޮންނާނީ ހޯމަ ދުވަހުއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

އެއަށްފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.